ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.

މި މައްސަލާގައި މާދަމާ 13:00 ގައި އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރިއިރު ރައީސް ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ މީގެކުރިން ބައްލަވަމުން ގެންދެވި އިސް ގާޒީ އަހުމަދު ޝަކީލް މައްސަލައިން ތަނާޒުލް ވެވަޑައިގެންނެވުމުން، ކްރިމިނަލް ކޯޓުގައި މިހާރު އެޝަރީއަތް ގެންދަވަނީ ގާޒީ އަލީ ނަދީމެވެ.

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ ޖެނުއަރީ މަހުގެ 03 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި، ދައުލަތުން އެދުނީ އިތުރު އައު ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތަކަށެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވެފައި ވަނީ، އައު ހެކިތަކަށް ބެލުމަށް ފަހު ބަލައިގަންނަން ޖެހޭ ހެއްކެއް ވާނަމަ އެ ބަލައިގަތުމަށް ނިންމާނެ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ކޯޓުގައި ތާވަލުކުރިއިރު އެމަނިކުފާނު މިވަގުތުވެސް ގެންދަވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު