ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރާނެކަމުގެ އިޝާރާތެއް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރަށްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމުން ގިނަ ބަޔަކު އަންނަނީ ރައީސް ސާލިހަށް މަރުހަބާ ދަންނަވަމުންނެވެ. އޭގެތެރޭގައި ސިޔާސީ ޕާޓީތަކާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނެއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށް މަޝްވަރާގެ އުސޫލުން ގައުމު ހިންގުމަށް ރައީސް ސާލިހު ގެންގުޅުއްވާ ސިޔާސަތަށް އެމްޑީޕީގެ އާއްމު މެމްބަރުންގެ ބޮޑު ތާއިދެއް އޮތްކަން ސާފުވެއްޖެކަމަށެވެ.

އިމްރާން ވިދާޅުވީ މީސްތަކުންގެ ކުރީގައި ހުރެ ކުރިއަށް ދެވޭނީ، ލީޑަރެއްގެ ފަހަތުގައި ހުރެ ކުރިއަށްދާން އެނގޭ ބޭފުޅަކަށްކަމަށެވެ.



އަދާލަތު ޕާޓީގެ ވެރިން ފާހަގަވެފައި ވަނީ ސަރުކާރަށް ތާއީދުކުރައްވާ ބައެއްގެ ގޮތުގައެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ހަދާނެ ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކުޑަ ޕާޓީއަކަށްވުމުން އަދާލަތު ޕާޓީއަކީ ދުވަހަކުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރި ޕާޓީއެއް ނޫނެވެ. އެ ޕާޓީން މަސައްކަތް ކުރަނީ މުޅިންވެސް ކޯލިޝަން ހަދައިގެނެވެ. އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެ ޕާޓީން ކޮންމެވެސް ބަޔަކާއެކު ކޯލިޝަން ހަދާނެކަމަށް ބެލެވެއެވެ.

މިހާރު އަދާލަތު ޕާޓީގައި އޮތް ލީޑަރޝިޕަށް ބަލާއިރު އެ ޕާޓީން ކޯލިޝަން ހެދުން އެންމެ ގާތީ އެމްޑީޕީއާއެކުއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އަދާލަތު ޕާޓީން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު