ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ދައްކުވައިދިނީ ޑިމޮކްރަސީގެ ފުރިހަމަ ނަމުނާއެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދެވުމަށްފަހު އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދަައްކަވަމުން އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ އެމްޑީޕީއަކީ ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ނަމޫނާ ދައްކާ ޕާޓީއެއްކަމަށެވެ. އަދި ނިމިގެން ދިޔަ ޕްރައިމަރީގައިވެސް ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއެއް ދައްކުވައިދީފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރަމަރީ އެމަނިކުފާނަށް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވި ހުރިޙާ ބޭފުޅުންނަށާއި، އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ރައީސް ވިދާޅުވީ ޕްރައިމަރީ ނިމުމާއެކު ވާދަވެރިކަން ނިމި، އެކުގައި މަސައްކަތްކޮށް ރިޔާސީ އިންތިހާބު ކަމިޔާބު ކުރަންޖެހޭކަމަށެވެ.

"ވާދަވެރި އިންތިޚާބެއްގައި ހުންނާނެ ކަންތައްތަކެއް. ކޮންމެހެން ފެންނަން ބޭނުންނުވާ ކަންކަންވެސް ހުންނާނެ. އެެހެންނަމަވެސް އަޅުގަނޑުގެ ހިތުގައި އެކަމެއްނެތް. މިގޮވާލަނީ އެކުގައި މަސައްކަތްކޮށް އިންތިޚާބު ކާމިޔާބުކުރުމަށް." ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްރައިމަރީގައި ރާއްޖޭގެ ވަރަށް ގިނަ ތަންތަނަށް ދަތުރު ކުރެވިއްޖެކަމަށެވެ. އަދި ޕްރައިމަރީއަށްވުރެ ފަސޭހައިން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެކަމަށް ރައިސް ސާލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު