މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާކަމަށް ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ޓީމުން ގެންދަވަނީ ނަތީޖާ ޝީޓުތައް ޗެކު ކުރައްވަމުން ކަމަށާއި ގިނަ ފޮށިތަކުން ކުރީގައި އުޅެނީ އެމަނިކުފާނު ކަމަށެވެ.

އަދި މިހާރު ފެންނަނީ މަދު ފޮށިތަކަކުން ބޮޑު ތަފާތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރީގައި އުޅުއްވާ ނަތީޖާތަކެއް ކަމަށް ވެސް ނަޝީދުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވިނަމަވެސް، މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާގޮތުން ރައީސް ޞާލިޙަށް ވަނީ 68 އިންސައްތަ ވޯޓް ލިބިވަޑައިގެންފައެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ 32 އިންސައްތަ ވޯޓެވެ. މީގެއިތުރުން، އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަޙީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަނީ ރިޔާސީ ޕްރައިމަރީގެ ނަތީޖާ މިރޭ 10:00 ގެ ކުރިން އިއުލާން ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށާއި ނަތީޖާއަށް އަސަރުކުރާ ވަރުގެ ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށްވެސް ވިދާޅުވެފައެވެ.

ނަތީޖާ ގަބޫލުފުޅު ނުކުރައްވާކަމަށް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނު ޓީމުން ވޯޓުލުމުގެ މާކުރިއްސުރެ ވެސް ދިޔައީ ވޯޓު އޮޅުވާލަން ރައީސް ޞާލިޙްގެ ފެކްޝަނުން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވެފައިވަނީ، ވޯޓު ގަޑުބަޑު ކުރާ ފަރާތްތަކުގެ މައްސަލަ ބެލެން ޖެހޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު