މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ އިންތިހާބުގައި މިހާތަނަށް ގިނަ ފޮށިތަކެއް ގުނާފައިވާއިރު، އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ އެއްވެސް ޝަކުވާއެއް ނެތްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ 283 ފޮށީގެ ތެރެއިން މިހާތަނަށް 164 ފޮށި ގުނާފައިވާކަމަށެވެ. އަދި ރައީސް ސާލިހު 60 އިންސައްތައަށް ވުރެ ބޮޑު އަގްލަބިއްޔަތަކުން ކުރީގައި އުޅޭކަމަށެވެ.

ވަހީދު ވިދާޅުވީ ގިނަ ފޮށިތަކެއް ގުނާފައިވާއިރު މިހާތަނަށް އައިއިރު އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ ޝަކުވާއެއް ނެތްކަމަށެވެ. އަދި މިއީ މިހާތަނަށް އެންމެ ޝަކުވާ މަދު އެއް އިންތިހާބުކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބާއި ބެހޭ ކޮމިޓީން ބުނީ ރިޔާސީ ޕްރައިމަރީގެ ނަތީޖާ މިރޭ އިއުލާން ކުރެވޭނެކަމަށެވެ.

މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ.



ކިޔުންތެރިންގެ ހިޔާލު