މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، އެކަން އެގޮތަށް ނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ގޮވާލައްވައިފިއެވެ.

މިއަދު ކުރިއަށްދާ ވޯޓުގައި ބައެއް ސަރަހައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް ވޯޓުލުން ފަށާފައިވަނީވެސް، ވޯޓްލާން ފަށަން ހަމަޖެހިފައިވާ ވަގުތުގެ އެތައްއިރެއް ފަހުންނެވެ. އޭގެ އިތުރުން ވޯޓަރސް ލިސްޓް ދިމާ ނުވުމާއި ލިސްޓްގައި ނަން ނެތް ބައެއް މީހުން ވޯޓު ލީ މައްސަލަތަކާއި އަދި ބައެއް ފޮށިތަކަށް "ވަގު ވޯޓު" އަޅާކަމަށްބުނެ އުފެދުނު ހަމަނުޖެހުމުގައި ދެ ރަށެއްގެ ވޯޓު ފޮށި ވަނީ ފަޅާލާފައެވެ.

މި ކަންކަމާއި ގުޅިގެން ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2008 އިން ފެށިގެން، މިހާތަނަށް ބޭއްވުނު ހުރިހާ އިންތިހާބެއްގައިވެސް، ދިވެހިން ދައްކަމުން އަންނަ ސުލޫކު އެގޮތަށް ދެމެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމީހަކު އިހުތިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ ފުރުސަތު ފަހިކޮށް އޮތުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.



ހަބީބު މިފަދައިން ވިދާޅުވެފައިވީނަމަވެސް، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، މިއަދުގެ އިންތިހާބުގައި ހިނގަމުންދާ ކަންތައްތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު