އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ލުމުގައި، ހަމަނުޖެހުން އުފެދި، ވޯޓުލުން ހުއްޓުމަކަށް އައިސްފައިވަނިކޮށް، ކެއްތެރިކަމާއި ސުލްހަވެރިކަމާއެކު ވޯޓުލާ ނިންމާލުމަށް ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން އިލްތިމާސް ކޮށްފިއެވެ.

"އެމްޑީޕީ ކުރިއަށް" ކެމްޕޭނުން ކުރި ޓުވީޓެއްގައި ބުނީ ވާދަވެރިން ވޯޓު ފޮށިތައް ގަޑުބަޑު ކުރަން އުޅޭ ކަމަށެވެ. އެހެންކަމުން އެކަންކަމުގައި ބައިވެރި ނުވުމަށް ރައީސް ސޯލިހްގެ ކެމްޕޭން ޓީމުން ވަނީ އިލްތިމާސް ކޮށްފައެވެ.



މާލޭގެ ބައެއް ދާއިރާތަކާއި އަދި އެހެން ބައެއް ރަށްރަށުގައިވެސް، ލިސްޓުގައި ނަން ނެތް މީހުން ވޯޓުލަމުންދާކަމަށް ބުނެ އެކަމުގެ ޝަކުވާތައް ނަޝީދުގެ ކެމްޕޭން ޓީމުން ދަނީ ކުރަމުންނެެވެ.

އެގޮތުން ގދ. ހޯޑެއްދޫގައި ލިސްޓުގައި ނެތް މީހުން ވޯޓު ލީކަމުގެ ތުހުމަތާއެކު ވޯޓުލުން ވަނީ ހުއްޓާލާފައެވެ. އަދި މާލޭ މާފަންނު ދެކުނު ދާއިރާގައިވެސް ލިސްޓުގައި ނެތް މީހުން ވޯޓުލި ކަމަށްބުނެ ވޯޓުލުން ހުއްޓާލަން ޖެހުނެެވެ.

މީގެ އިތުރުން ގދ. ގައްދޫގައި، ވޯޓުލާ ސަރަހައްދަށް ބޮޑީ ކެމެރާ ވައްދައިގެން ވޯޓުލާ ކަމަށްބުނެ އެރަށުގައި ތިބި ނަޝީދުގެ ސަޕޯޓަރުންވަނީ ވޯޓު ކަރުދާސްތައް ވީދާލައި، ވޯޓު ފޮށިތައް ހަލާކުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެރަށުގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެެވެ.

ގައްދޫގައި ވެސް މިހާރުވަނީ ވޯޓުލުން ހުއްޓުމަކަށް އައިސްފައެވެ. އަދި ގދ. ތިނަދޫގައި ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދަނިކޮށް ފޮށި ފަޅާލައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިންގާފައެވެ. ތިނަދޫގައި މައްސަލަ ދިމާވީ ނަޝީދުގެ ސަޕޯޓަރަކު ވޯޓުލާން ފޯނު ހިފައިގެން ވަނުމުން، އެތަނުގައި ތިބި މީހުން އެކަމާ ހިތްހަމަނުޖެހި އުފެދުނު ޒުވާބެއް ހޫނުވެގެންނެެވެ.

މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެހެން ބައެއް ސަރަހައްދު ތަކުގައިވެސް ނަޝީދުގެ ޓީމުން ފެންމަތި ކުރި މައްސަލަތަކާއެކު ބޮޑެތި ހަމަނުޖެހުންތައް ހިނގާ، ވޯޓްލުން މެދުކަނޑާލަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު