އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓް ލުން ކުރިއަށް ގެންދާ ގދ. ގައްދޫ ވޯޓްލާ މަރުކަޒުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ވޯޓް ކަރުދާސްތައް އިރާލައިފިއެވެ.

ގައްދޫ ވޯޓްލާ މަރުކަޒުގެ ވޯޓް ކަރުދާސްތައް އިރާލައި ހަމަނުޖެހުން ހިންގާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ވޯޓްލާން ވަންނައިރު ވޯޓް ކަރުދާހުން ފޮޓޯ ނެގުމަށް ބޮޑީ ކެމެރާއެއް ވައްދާ ކަމަށް ބުނާ މައްސަލައިގައެވެ. ވޯޓް ކަރުދާހުން ފޮޓޯ ނަގަން ކެމެރާ ވައްދާކަމަށްބުނެ އެކަމުގެ ޝަކުވާ ހުށަހެޅުމުން ވެސް އެމައްސަލަ ހައްލުކޮށް ނުދިންކަމަށްބުނެ ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ ވޯޓް ކަރުދާސްތައް އިރާލައި ވޯޓްލާ މަރުކަޒުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ.



އެ ހަމަނުޖެހުމަށްފަހު ހުރިހާ އޮފިޝަލުން ވެސް ވަނީ ވޯޓްލާ މަރުކަޒުން ބޭރުކޮށްފައެވެ. ހަަމަނުޖެހުން ހައްލު ކުރުމަށް ފުލުހުން ގައްދޫ ވޯޓްލާ މަރުކަޒުގައި ހަރަކާތްތެރިވަމުންދާއިރު އެ ފޮށީގެ ވޯޓްލުން މިވަގުތު ވަނީ މެދުކަނޑާލާފައެވެ.

އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭ ވަރަށް ގިނަ މައްސަލަތަކާއި ޝަކުވާތަކެއް އެ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް ނަޝީދުގެ ޓީމުން ދަނީ ފާހަގަކުރަމުންނެެވެ. އޭގެ ތެރޭގައި ވޯޓާސް ލިސްޓާ ގުޅޭ ގިނަ ޝަކުވާތަކަކާއި ލިސްޓްގައި ނަންނެތި ވޯޓްލާ މައްސަލަތަކެއް ހިމެނެއެެވެ. އެފަދަ މައްސަލަތައް ފާހަަގަކޮށް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން އަންނަނީ ވޯޓްލުމަށް ހުރަސް އަޅައި ބައެެއް ފޮށިތަކުގެ ވޯޓްލުން ހުއްޓުވަމުންނެެވެ. މިޝަކުވާތަކަކީ ވޯޓުލާ ދުވަހު ހިނގާނެ ކަމަށްބުނެ ނަޝީދުގެ ޓީމުން ތުހުމަތު ކުރަމުން އައި ކަންކަމެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލާން މުޅި ރާއްޖޭގައި ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. ވޯޓްލުން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމެޖެހިފައެވެެ.

އެ ޕްރައިމަރީގައި ވާދަކުރަށްވަނީ ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދެވެ.



ކިޔުންތެރިންގެ ހިޔާލު