އެމްޑީޕީގެ މެނިފެސްޓޯ އަކާއި މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނިކުންނައިރު ވަރަށް ގިނަ ބަޔެއްގެ ތާއިދު އެޕާޓީއަށް އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް ދެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރަށްވައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ޕާޓީތަކާ ވެސް ގުޅިގެން ކަމަށެވެ. ޕްރައިމަރީއަށްފަހު ސިޔާސީ ޕާޓީތަކާއި އެހެން މުހިންމު ދާއިރާތަކުގެ ފަރާތްތަކުގެ ތާއިދު ހޯދަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.





ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިކަމާއި ޓޫރިޒަމާއި ސިއްހީ ދާއިރާއާއި އެ ނޫން ވެސް ފަށާފައި ހުރި ކަންކަމާއެކު ކުރިއަށް އޮތް ރިޔާސީ އިންތިިހާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ޕާޓީއަށް އިންތިހާބު ކާމިޔާބުކުރެވޭނެ ފޯމިއުލާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން ކުރެވޭނީ ޕާޓީގެ މި ޕްރައިމަރީއަށް ފަހު މަޝްވަރާކޮށް ގޮތްތަކެއް ހޯދައިގެން ކަމަށެވެ. ޕްރައިމަރީ އަށްފަހު އެ މަޝްވަރާތައް ޕާޓީގެ ތެރޭގައި ހިނގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެތެރޭގައި އެ މަޝްވަރާތައްކޮށް މި ދެންނެވި ހުރިހާ ދާއިރާގެ ސަޕޯޓް ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ޕާޓީގެ ތެރެއިން ކުރިއަށްދާނެ، އެއަށްފަހު އަޅުގަނޑުމެން މެނިފެސްޓޯ އަކާއިއެކު ނިކުންނާނީ ނިކުންނައިރު އަޅުގަނޑު ހިތުން ރާއްޖޭގެ ބޮޑު ބައެއް އެމްޑީޕީއަށް ރިޔާސީ އިންތިޚާބުގައި ތާއިދުކުރާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ ސުލްހަވެރިކަމާއެކު މިއަދުގެ ޕްރައިމަރީގެ ވޯޓު ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެއާއެކު ދެން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިިހާބަށް އެކުގައި މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީ އެކީގައި އަޅުގަނޑަށް ޔަގީން ރިޔާސީ އިންތިހާބު އަލުން ފަށައިގަންނާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ މި އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތަށް ވެސް މުހިންމު މަންޒަރެއް ފެނިގެންދާނެ އިންތިހާބެއް ކަމަށެވެ. ސުލްހަވެރިކަމާއެކު މިވޯޓު ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު