ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ފެށުމާއެކު އެ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ބައެއް މައްސަލަތައް ފެންމަތިކޮށްފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލާން މުޅި ރާއްޖޭގައި ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. ވޯޓްލުން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ބުނެއެވެ. މިއަދުގެ ވޯޓްލުން ފެށުމާއެކު ނަޝީދުގެ ޓީމުން ވަނީ ބައެއް މައްސަލަތަށް ފެންމަތިކޮށްފައެވެ. އެގޮތުން މާލޭގެ ދެ ދާއިރާއެެއްގެ ވޯޓްފޮށީގެ ލިސްޓް ދިމާނުވާ މައްސަލައަކާއި ލ. މުންޑޫގައި ނަޝީދުގެ މަންދޫބަކު ނެތި 9.00 ކުރިން ވޯޓްލާން ފެށި މައްސަލައެއްގެ އިތުރުން ގަލޮޅު ދެ ވޯޓް ފޮށްޓެއްގެ ނަމްބަރާއި ނަމާއި ދިމާނުވާ މައްސަލަ އެއް ހިމެނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ވޯޓްލާން ފެށުމާއެކު ދެބަސްވުންތައް ހިނގައި ވޯޓްލާ މަރުކަޒުތަކުގައި އަޑުގަދަ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ނަގާ ޕްރައިމަރީގައި އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުން ވޯޓްލުމުގެ ހައްގު ލިބިގެންވާ ކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުމަށް 200 އަށް ވުރެ ގިނަ ވޯޓް ފޮށި ބަހައްޓާފައިވާއިރު މީގެ ތެރެއިން 49 ފޮއްޓެއް ހުންނާނީ މާލެ ސަރަހައްދުގަ އެވެ. މާލޭގައި ހުރި ވޯޓްފޮށިތަކުގެ ތެރޭގައި މާލޭގައި އުޅޭ ރާއްޖޭގެ އެކި އަތޮޅުތަކުގެ މީހުންނަށް ހާއްސަ ވޯޓްފޮށިތައް ވެސް ހިމެނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގަައި ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދެވެ.



ކިޔުންތެރިންގެ ހިޔާލު