އެމްޑީޕީގެ ފުރަތަމަ ވެރިކަން ރައްޔިތުންގެ މަޖިލިސް ތެރެއިން ވައްޓާލަން އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ކާމިޔާބު ނުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި މަސައްކަތުން ކަމަަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރައީސް ސޯލިހްގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ، ނަޝީދުގެ ވެރިކަން މަޖިލީހުގެ ތެރެއިން ވައްޓާލަން ކުރި މަސައްކަތް ހުއްޓުވީ އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނަވައި ހުރިހާ ފަރާތްތަކާއި ގުޅިގެން މަޝްވަރާ ކުރަށްވައި ރައީސް ސޯލިހް ހިކުމަތްތެރި މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލުމުން ފެބްރުއަރީ 7 ގައި މަގުމަތިން ސަރުކާރު ވައްޓާލީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ވެރިކަމެއް ކޮށްދެވެން އޮތީ ރައީސް ސޯލިހަށް ކަމަށް ވާތީ، އެމްޑީޕީގެ މެމްބަރުން މާދަމާ ހެނދުނު ވީހާވެސް އަވަހަށް ވޯޓުލާން ނުކުތުމަށް މާރިޔާ ވަނީ އެދިވަޑައިގެންފައެވެ. އެކަމަނާ ވިދާޅުވީ މާދަމާގެ ވޯޓަކީ ރާއްޖެއަށާއި އަންނަން އޮތް ޖީލަށްޓަކައާއި ރާއްޖޭގައި އޮތް ޑިމޮކްރަސީ ހިފެހެއްޓުމަށާއި މަކަރުވެރިކަމާއި އަނިޔާވެރިކަން އެމްޑީޕީގެ ތެރެއަށް ނުވަނުމަށް ދެވޭ ވޯޓެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ނަޝީދާ އެކީގައި މީގެކުރިން ކިތަންމެ ގިނައިން އުޅުނު ނަމަވެސް މާދަމާއަކީ ގައުމު ކުރިއަށް ގެންދިއުމަށް ވޯޓް ދޭންވީ ދުވަސް ކަމަށެވެ. އަދި މާދަމާގެ ވޯޓަކީ އެމްޑީޕީ ވެރިކަމަށް އައިސްގެން ނޫނީ ފައިދާ ނުވާނެ ކަމަށް ގަބޫލުކޮށް ރައީސް ސޯލިހަށް ވޯޓު ދޭ ދުވަހަކަށް ހަދަންޖެހޭކަމަށް މާރިޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު