އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކެމްޕެއިން ބޮޑު ހިނގާލުމަކުން ނިންމާލައިފިއެވެ.

މިއަދު ހަވީރު 4:00 ގައި އެމްޑީޕީ ހަރުގެ ކުރިމަތިން ފެށި މި ހިނގާލުމުގައި ރައީސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރީނދޫ ކުލައިގެ ޓީޝާޓާއި އެމްޑީޕީގެ ދިދަތައް ހިފައިގެން ތިބި ނަޝީދުގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން މި ހިނގާލުމުގައި ވަނީ ބައިވެރިވެފައެވެ.

މި ހިނގާލުން މާލޭގެ އެކި މަގުތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު ހިނގާލުން ނިންމާލީ އެމްޑީޕީގެ ހަރުގެ ކުރިމައްޗަށެވެ. ނަޝީދުގެ ކެމްޕެއިން ނިންމުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޮޑު ޖަލްސާއެއްވެސް ވަނީ ބާއްވާފައެވެ.

މާދަމާ ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދެެވެ. ރައީސް ސޯލިހް ކެމްޕެއިން ނިންމަވާލުމަށް ހުޅުމާލޭގައި މިއަދު ވަނީ ބޮޑު ހަރަކާތެއް ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު