16 އަހަރުން މަތީގެ ކުދިންނަށް ވަޒީފާ އަދާކުރެވޭނެ އުސޫލެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެކުލަވާލައިފިއެވެ.

މިއުސޫލު އެކުލަވާލާފައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ އާންމު ގަވާއިދަށް އެއްވަނަ އިސްލާހް ގެނައުމުގެ ގަވާއިދުގެ ދަށުންނެވެ.

ގަވާއިދަށް ގެނައި އިސްލާހާއެކު ސުޕަވައިޒް ކުރާނޭ ފަރާތެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުން 16 އަހަރުން މަތީގެ ކުދިންނަށް ކުރެވޭނެ ކަންކަމާއި ކުޑަކުދިން ބައިވެރިކުރުން މަނާ ކަންކަން ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދުގެ ދަށުން 16 އަހަރުން މަތީގެ ކުދިންނަށް ކުރެވޭނެ މަސައްކަތްތަކަކީ؛



* ރޭނުމާއި ސިމެންތި ޖެހުން

* ގަރާޖާއި ވޯކްޝޮޕާއި ކާޕެންޓްރީއާއި ވެއަރހައުސްތަކުގައި ކުރާ ޢަމަލީ މަސައްކަތް

* ދަތުރުފަތުރު ކުރުމުގެ ޚިދުމަތެއް ޢަމަލީގޮތުން ކޮށްދިނުމުގެ މަސައްކަތްތައް

* މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތަކުގެ ތެރެއިން 2 ހަފުތާއަށްވުރެ ދިގުނުވާނޭ ގޮތަށް ކަނޑުމަތީގައި ހޭދަވާ މަސައްކަތްތައް،

* ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ އިދާރީ މަސައްކަތްތަކާއި، ޓެކްނިކަލް ބާވަތްތަކުގެ މަސައްކަތްތައް،

* ކާނާއެއްގެ ފުޑް ޕްރޮސެސިންގ މަރުޙާލަތަކުގައި ހިމެނޭ މަސައްކަތްތައް،

* ދިރޭއެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަންތަން، އަދި

* އެފަދަ ދިރޭ އެއްޗެއްހި ބެލެހެއްޓުމާ ގުޅޭ މަސައްކަތްތަކެވެ.

ކުޑަކުދިންނަށް ނުކުރެވޭނެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ؛



* ނުރައްކާތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް،

* ތެލާއި ޕެޓްރޯލު ފޯރުވުމުގެ އަމަލީ މަސައްކަތްތަކާއި، ސިނގިރޭޓާއި، ދުންފަތުގެ އެހެނިހެން ބާވަތްތަކާއި، ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ އަމަލީ މަސައްކަތް،

* ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެޝިނަރީ އޮޕަރޭޝަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތައް،

* ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތް،

* ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި ސިމެންތި ޖެހުން ފިޔަވައި އެހެން މަސައްކަތްތައް،

* ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް، ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތްތައް ކުދިން ލައްވާ ކުރުވުން މިޤަވާއިދުގެ ދަށުން މަނާވެއެވެ.

މި ގަވާއިދުގެ ދަށުން ކުއްޖަކު ލައްވާ މަސައްކަތް ކުރެވޭނީ ވަޒީފާދޭ ފަރާތާއި ކުއްޖާގެ ބެލެނިވެރި ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ބެލެނިވެރިޔާގެ އިއުތިރާޒެއް އެކަމުގައި ނެތް ނަމައެވެ. އަދި ކުދިންގެ މަސައްކަތް ސުޕަވައިޒްކުރާނެ ފަރާތެއް ކަނޑައަޅައި، އެކަން މޮނިޓާކުރުމުގެ އެންމެހައި ޒިންމާތަކެއް އުފުލަން ޖެހޭނީ ވަޒީފާ ދޭ ފަރާތުންނެވެ.

ގަވާއިދުގައިވާ ގޮތުން ތަމްރީނު ދިނުމުގެ ބޭނުމުގައި ވިޔަސް، ނުވަތަ ޢާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައި ވިޔަސް، ގަވާއިދުގައި މަނާ ކޮށްފައިވާ އެއްވެސް މަސައްކަތެއްގައި ކުދިން ބައިވެރިކުރުމަކީ މަނާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން