އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުވާކަމަށްބުނެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ދައްކަވާ ވާހަކަތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދާއި ރައީސް ޞާލިޙް ވެސް މިރޭ ވަނީ ކެމްޕޭންގެ އެންމެފަހު ޖަލްސާ ބާއްވަވާފައެވެ. އެގޮތުން އައްޑޫގައި ރައީސް ޞާލިޙް މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ އެކަނި ކުރާ ވެރިކަމެއް ދެކެން އެމަނިކުފާނު ވެސް ބޭނުންފުޅުވާކަމަށެވެ.

ނަމަވެސް، އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީނަމަވެސް، އެމްޑީޕީ އެކަނި އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އަދި ޤަބޫލުފުޅު ނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަމަ ކޯލިޝަނެއް ހަދަންޖެހޭ ކަމަށާއި ކޯލިޝަނެއް ހެދުމުން ކޮންމެވެސް ވަރެއްގެ ބައެއް އެހެން ބަޔަކަށް ދޭންޖެހޭ ކަމަށެވެ. ނަމަވެސް، ވެރިކަން ލިބުމުން ޕާޓީއަށްވާ ފައިދާ ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޯލިޝަނުން ބޭނުންވާ ކަންކަން ކުރަން ޖެހޭތީ އޭގެ ސަބަބުން މިހިނގާ ދައުރުގައި އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުންދާތީ އޭގެ ރައްދުގައި ރައީސް ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވަމުން އެބަ ދާކަމަށެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އަދި އެ ހުރިހާކަމެއްގެ މައްޗަށް ވިސްނައިގެން އެމްޑީޕީގެ ސަރުކާރެއް އެކުލަވާލަން ލިބޭ ފުރުސަތު ގެއްލުވާނުލުމަށް އެމްޑީޕީގެ މެންބަރުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން