އެމްޑީޕީގެ ސަރުކާރެއް އަލުން އެކުލަވާލުމަށް އެޕާޓީގެ މެމްބަރުންނަށް ލިބުނު ފުރުސަތު ނަގާނުލުމަށް އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިލްތިމާސްކުރަށްވައިފިއެވެ.

އައްޑޫ ސިޓީގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިއްމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ކެންޑިޑޭޓެއް މެމްބަރުންނަށް ނެގިދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެންމެ ބޮޑު މަސައްކަތް ފެށެނީ ޕްރައިމަރީގެ ފަހުން ކަމަށާއި އެއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވީ ޕްރައިމަރީން ހޮވާ ކެންޑިޑޭޓާއެކު ކުރިމަތިލާންޖެހޭ އެހެން މަރުހަލާއެއް އެބައޮތް ކަމަށާއި އެމަރުހަލާ ކަޑައްތު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރެވޭނީ ކާކަށްތޯ، ކޮންބަޔަކަށްތޯ މެމްބަރުން ބަލަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މާޒިން ފެންނަން އޮތް ހަގީގަތްތަކުގެ މައްޗަށް ބުރަވެ އެކަން މެމްބަރުންނަށް ނިންމޭނެ ކަމަށެވެ. ރައީސް ވަނީ އެމްޑީޕީން ވޭތުވެ ދިޔަ އެތައް އަހަރެއް ވަންދެން ކުރި މަސައްކަތް ގެއްލުވާނުލައި އެމަނިކުފާނާއެކު ކުރިއަށް ދިޔުމަށް އިލްތިމާސް ކުރަށްވާފައެވެ.

"2008، 2013، 2018 ގައި ވެގެން ދިޔަ ގޮތް މިއޮތީ ސާފުކޮށް ފެންނަން، އެހެންވީމާ އެހުރިހާ ކަމެއްގެ މައްޗަށް ވިސްނާވަޑައިގެން އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށް މި ލިބޭ ފުރުސަތު ގެއްލުވާނުލުމަަށް އަޅުގަނޑު މިރޭ ތިހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރަން، އަޅުގަނޑު އެދެނީ ވޭތުވެދިޔަ ތަނުގައި އެތައް އަހަރެއް ވަންދެން މި ކުރި މަސައްކަތް ގެއްލުވާނުލައި މިކަމާއިގެން ކުރިއަށް ދިޔުން. އަޅުގަނޑު މިދައްކަނީ އެއް އަހަރެއް ދެ އަހަރެއްގެ ވާހަކަ އެއް ނޫން. އެންމެ މީހެއް ދެ މީހެއްގެ ވާހަކައެއްވެސް ނޫން. މީގެ 30، 35 އަހަރު ކުރަންފެށި ބައިވަރު ބުރަ މަސައްކަތްތަކެއް، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވިއްޖެ. މިހާ ހިސާބަށް އާދެވިފައި މިތިބީ އެހެންވީމަ އެހިސާބަށް ނުގޮސް ކުރިއަށް ދިޔުމުގެ ވިސްނުން ތިބޭފުޅުން ގެންގުޅުއްވާނެ ކަމީ ޝައްކު ކުރާނެ ކަމެއް ނޫން،."ރައީސް ވިދާޅުވިއެެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީން އެކަނި ވެރިކަން ކުރާތަން ބައްލަވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެހެން ނަަމަވެސް އެކަނި ނިކުމެ އެމްޑީޕީއަށް ވެރިކަން ލިބުމުގެ ފުރުސަތު ކުޑަކަމަށާއި އެކަންވާން އޮތީ އެހެން ޕާޓީތަކާއި ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޯލިޝަން ސަރުކާރެއް އުފެއްދި ނަމަވެސް މި ސަރުކާރުގައި ވެސް އެމްޑީޕީގެ މެނިފެސްޓޯ ބަރާބަރަށް ތަންފީޒު ކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ކޯލިޝަނާއެކު ސަރުކާރެއް އެކުލަވާލާއިރު ދޫތަކެއް ދޭން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެމްޑީޕީއަށް ލިބޭ ބައި އަބަދުވެސް ބޮޑު ކަމަށެވެ.

"އަޅުގަނޑު ވެސް ބޭނުން އެމްޑީޕީ އެކަނި ވެރިކަން ކުރާތަން ދެކެން. އެކަނި ސަރުކާރެއް އެކުލަވާލާ ތަން ދެކެން." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހއ އިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިދިޔަ މަހެއްހާ ދުވަހު މުޅި ރާއްޖޭގައި ކެމްޕެއިން ކުރަށްވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ކެމްޕޭންގައި އެމަނިކުފާނާއި ބައްދަލުވާ ކޮންމެ މެންބަރަކާއި މި ޕްރައިމަރީގައި ގޮތް ނިންމާނެ ގޮތަކާމެދު ސުވާލު ކުރެއްވި ކަމަށާއި އެ މެންބަރުން ތިބީ ތަރައްގީއާއެކު ކުރިއަށްދާން ކަމަށާ އަލުން މަގުމަތިވެ ހުއްޓި ތިބެން ބޭނުން ނުވާ ކަމަށެވެ.

ރައީސް މިރޭ ވެސް ވިދާޅުވީ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ވޯޓް ދެއްވުމަކީ އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތް ކަމަށް އެމްޑީޕީގެ މެންބަރުން ގަބޫލު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން