ހިޔާގެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް މިސަރުކާރުން ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން، ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މިކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހު ހަވީރު ހުޅުމާލެ ފޭސް 2ގެ ހިޔާ ސަރަޙައްދުގައެވެ. ކްލިނިކް ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކްލިނިކްގެ ޔުނިޓްތައް ބައްލަވާލައްވައި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އޮޅުންފިލުއްވާފައެވެ.





މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، ހުޅުމާލެ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވިގެން ދިޔުމަކީ ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ހިޔާގެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައްވެސް މިސަރުކާރުން ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ނައިބް ރައީސް ވިދާޅުވީ، ހޮސްޕިޓަލްތަކަށް ފަރުވާ ހޯދުމަށްދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އާންމު ޑޮކްޓަރުންނަށް ދައްކަންދާ މީހުން ކަމުގައި ވާތީ، މިއަދު މިހުޅުވުނު ކްލިނިކްގެ ސަބަބުން ހިޔާގައި ދިރިއުޅޭ ބޮޑު އާބާދީއަށް އެތައް ގޮތަކުން ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުން ޞިއްޙީ ދާއިރާއަށް ކުރާ ހޭދަ އިތުރުކޮށް، ސަރަޙައްދީ ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ހިޔާގެ 16ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ޤާއިމްކޮށްފައިވާ، ހުޅުމާލެ ހޮސްޕިޓަލްގެ ޖެނެރަޕް ޕްރެކްޓިސް ޔުނިޓުން އާންމު ބަލިތަކުގެ ޑޮކްޓަރުން ބަލިމީހުން ބައްލަވައި ފަރުވާދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކްލިނިކުން ލެބޯޓްރީގެ ޚިދުމަތާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުން އަދި ނެބިއުލައިޒް ކުރުމާއި، އީ.ސީ.ޖީ ހެދުން އަދި ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިންޖެހުމުގެ ޚިދުމަތްވެސް ލިބޭއިރު މީގެ އިތުރުން މިކްލިނިކުގައި އެސްޓީއޯގެ ބޭސްފިހާރައެއްވެސް ވަނީ ޤާއިމްކޮށްފައެވެ. ކްލިނިކުން ޚިދުމަތްދެމުން ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން ހަވީރު 5:00އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން