ދެ ރަށެއްގައި ހޮސްޕިޓަލް އަޅަން ހެލްތް މިނިސްޓްރީން ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ މިއަދު ހަވާލުކޮށްފައިވަނީ ލ. ގަމުގައި 130 އެނދުގެ ޓާޝަރީ އައު ހޮސްޕިޓަލެއް އިމާރާތްކުރުމަށާއި ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ކަމަށެވެ. މި ދެ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފައިވަނީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ ހޮމްޓް އެސްޕަނިއާއާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.



މިކަމަށްޓަކާ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލް އަދި ހޮމްޓް އެސްޕަނިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ހޮމްޓް އެސްޕާނިޔާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އެޑުއާޑޯ އޮލިވޭރިއާ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލްގެ އިތުރުން ކޮންމެ ހޮސްޕިޓަލަކާއި ގުޅިގެން ސްޓާފު އެކަމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކްއިޕްމަންޓާއި، މުވައްޒަފުން ތަމްރީން ކުރުން ހިމެނޭ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ. މި ދެ ހޮސްޕިޓަލަށް 79 މިލިއަން ޔޫރޯ ހަރަދުކުރަން ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީ.ސީސީ) އިންނެވެެ. މި ދެ ހޮސްޕިޓަލްގެ ތެރެއިން ލ.ގަމު ހޮސްޕިޓަލް އިމާރާތްކުރުމަށް 36 މަސްދުވަހުގެ މުއްދަތެެއް ދީފައިވާއިރު ގދ. ގައްދޫ ހޮސްޕިޓަލް ޢިމާރާތްކުރުމަށް ދީފައިވަނީ 30 މަސްދުވަހެވެ.

މި ޕްރޮޖެކްޓަށް ފައިނޭސް ކުރުމަށް ހަމަޖެހިފައިވަނީ، ޑޮއިޗަރ ބޭންކުގެ ފަރާތުން ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން