ދައުލަތުގެ ހަރަދު ބޮޑުނުވާ ކަމަށާއި މިހާރު ހިންގަމުން ގެންދަނީ ކުރިން ބަޖެޓްކޮށް ރާވައިފައި ހުރި ޕްރޮޖެކްޓްތައް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ، ވޭތުވެ ދިޔަ ތިންއަހަރުގެ ތެރޭގައި ކޮވިޑުގެ ބަލިމަޑުކަމާއި އިރުމަތީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި ސަރުކާރުން ކުރަމުން ގެންދިޔަ ތަރައްގީގެ އެކި މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

މިއުވާން ވިދާޅުވީ ސަރުކާރުގެ ރިޔާސީ ދައުރު ނިމިގެންދާއިރު ރައީސްގެ ވައުދާ އެއްގޮތަށް މެނިފެސްޓޯގެ 90 ނުވަތަ 95 އިންސައްތަ ފުރިހަމަ ކުރެވޭނެ ކަމަށެވެ. އަދި އެ އަމާޒަށް ވާސިލްވުމަށް މިދިޔަ އަހަރު ބަޖެޓްގެ ތެރެއިން ނުކުރެވި ހުރި ބައެއް ކަންތައްތައް މިއަހަރުގެ ބަޖެޓްގައި ހިމަނައި އެމަސައްކަތް މިއަހަރު ކުރީކޮޅު ފެށިގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"އެހެންވީމާ ވަރަށް ގިނަ މަސައްކަތްތަކެއް މިއަހަރު ކުރީކޮޅު ކުރިއަށްދާނެ، ކޮންމެހެން އިތުރަށް ޚަރަދު ބޮޑުވެގެންދަނީކީ ނޫން، ބަޖެޓް ކުރެވި ޕްލޭންކޮށްފައި ހުރި ޕްރޮޖެކްޓްތަކާއި ކުރެވޭ ޚަރަދުތަކުގެ ވާހަކަ މިދަންނަވަނީ،" މިއުވާން ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން