ދީނީ އިލްމުވެރިންގެ ނަމުގައި ދެބޯގެރި ދުއްވާ މީހުން އުޅޭކަމަށާއި، ނަމަވެސް އެ މީހުންގެ ސަބަބުން މުޅި އިސްލާމީ މަސްރަހުގެ އަގު ވެއްޓޭކަށް ނުޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އުޅޭ ބައެއް ދީނީ އިލްމުވެރިންގެ އަމަލުތައް ހުންނަ ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އެ މީހުންނަށް ރައްދުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެފަދަ މީހުންގެ ސަބަބުން އިސްލާމީ މުޖްތަމަޢުގެ އަގުވެސް ވެއްޓެމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ ދީނީ ބޭފުޅުން އިސްކޮށް ތިއްބަވައިގެން ހިންގަވާފައިވާ ވުޒާރާތަކަށް އައިސްފައިވާ ކުރިއެރުން ފެންނާނެކަމަށެވެ. އެހެންކަމުން ދީނީ އިލްމުވެރިންނޭ ކިޔާފައި ޓްވިޓަރގައި ދެބޯގެރި ދުއްވާ ދެތިން މީހުންގެ ސަބަބުން މުޅި އިސްލާމީ މަސްރަހުގެ އަގު ވެއްޓޭކަށް ނުޖެހޭކަމަށް. ޑރ ޝަހީމް ވިދާޅުވި އެވެ. އަދި ހަރުދަނާ ދީނީ އިލްމުވެރިން މަސްރަހުގައި ސާބިތުވެ ތިއްބެވުމަށް ޝަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.



ޝަހީމް ވިދާޅުވީ ދީނީ އިލްމުވެރިން ސިޔާސީ މަސްރަހުގައި ތިބުމަކީ މުހިއްމުކަމެއްކަމަށެވެ. ނަމަވެސް ބައެއް ދީނީ މީހުން އުޅެނީ ދީނީ އަދި ސިޔާސީ ޝަހުސިއްޔަތުތައް އުޅެންޖެހޭ ގޮތަކަށް ނޫންކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އިސް މަގާމްތަކެއް ފުރުއްވި ޝަހީމް ވިދާޅުވީ މިއަދު ޖެހިގެން މިއުޅޭ މައްސަލައަކީ ދީނީ އިލްމުވެރިން ސިޔާސީވުން ނޫންކަމަށާއި މައްސަލައަކީ ބޭނުންވާ ހާލަތްތަކާއި ގުޅިގެން އެކްޓިވިސްޓް ސްޓައިލަށް ދީން ބޭނުންކުރާ މަދުބަޔަކު ފާޅުވުންކަމަށެވެ. އަދި މީހުންނަށް އެއްޗެހި ގޮވުން ފިޔަވައި އެހެން ކަމެއް އެމީހުން ނުކުރާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިއަދު އަދާލަތު ޕާޓީ ވަނީ އެކްޓިވިސްޓް ސްޓައިލަށް ދީން ބޭނުންކުރާ މަދުބަޔަކު ހިސޯރުކޮށްފައިކަމަށެވެ. އަދި އެއާއެކު ޕާޓީގެ ހަރުދަނާ އުސޫލުތައް ދޫކޮށް ވެރިންނަށް ސަނާ ކިޔާ ބަޔަކަށް އަދާލަތު ޕާޓީ ވެފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ ރާއްޖެއަށްޓަކައި އަދާލަތު ޕާޓީ ސާފުކުރުމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ގޮވާލައްވާފައެވެ. އަދި އެއީ ގައުމުގެ ހައްގުގައި ކުރަންޖެހޭކަމެއްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމު މިމޭރުމުން ވާހަކަދައްކަވައި އަދާލަތު ޕާޓީގެ ބައެއް ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވެފައި ވާއިރު އެޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. އިޔާޒާއި ޝައި ޒައިދަކީ ސިޔާސީ ގޮތުން އެކިފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވަމުން ގެންދަވާ ދެބޭފުޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން