"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ، "ބިންވެރިޔާ ސްކީމް" ގެ ދަށުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ބިންތައް ސާފުކުރަން ފަށައިފިއެވެ.

"ގެދޮރުވެރިން" ޕްރޮގްރާމަކީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފަށްޓަވާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން 4000 ފްލެޓާއި 3000 ގޯތި މާލޭ މީހުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.

އެޗްޑީސީން މިހާރު ވަނީ ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުންނެވެ.

އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އާތިފް ވިދާޅުވީ، ހުޅުމާލެއިން ދޫކުރަން ހަމަޖެހިފައިވާ ސަރަޙައްދުތައް 12،050 އަކަފޫޓަށްވުރެ ކުޑަ ނުވާނެކަމަށެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓްކޮށް ނިމެންވާއިރަށް މިބިންތައް ސާފުކޮށް އިންޖަހާ ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.

ގޯތިދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި 15 ހާހަށްވުރެ ގިނަ ފޯމު "ގެދޮރުވެރިން" ޕޯޓަލަށް ހުށަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން