އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރުމުގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތެއް ސަލާމަތީ ހިދުމަތްތަކުން ނުދޭނެކަމަށް ރައީސުލްޖުމްހުރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ ރައީސް ސާލިހު ރަށްރަށަށް ވަޑައިގެންނަވާއިރު ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުން ރަށްރަށުގައި ހަރަކާތްތެރިވާތީ އެކަމަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރައީސް ސާލިހު ކެމްޕެއިނަށް ވަޑައިގަންނަވާއިރު ހިޔާލު ފާޅުކޮށް، ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދޭނެކަމަށެވެ. އަދި މަދުން ނަމަވެސް ބައެއް ރަށްރަށުން ޝުއޫރު ފާޅުކުރަމުން ދިޔަ މަންޒަރު ފެނިގެންދިޔަކަމަށް މިއުވާން ވިދާޅުވިއެވެ.

"ރައީސް ސާލިހަކީ މަލްޓި ޕާޓީ ޑިމޮކްރަސީއަށް ވަރަށް ފަރިތަ ބޭފުޅެއް. އިދިކޮޅު ފަރާތްތަކަށް ޖާގަ އޮންނަންޖެހޭކަމަށް ގަބޫލުކުރައްވާ ބޭފުޅެއް. އިދިކޮޅުގެ އަޑު ކެނޑިފައި އޮތް 7 އަހަރަށްފަހު ރައީސް ސާލީހުގެ ވެރިކަމާއެކު އިދިކޮޅު ފަރާތްތަކަށް މިވަނީ އަޑު އުފުލުމުގެ ފުރުސަތު ދީފައި." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރައީސް ސާލިހު ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރުމުގެ ނަމުގައި އާއްމު އިޖްތިމާއި މިންގަނޑާއި ހިލާފު އަމަލުތައްވެސް ހިންގަމުންދާ ކަމަށެވެ.

"ރައީސްގެ ކެމްޕެއިން ޖަލްސާގައި ގުރުއާން ކިޔަވާ ވަގުތުވެސް އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް ލަވަޖަހައި ވާހަކަ ދައްކައި. ޓީވީން ދައްކައިފިނަމަ ޓީވީ ތަކާއި މެދު ފިޔަވަޅު އެޅޭނެ ފަދަ ވާހަކަތައްވެސް އެ ބޭފުޅުން ކުޑަކުދިން ކައިރީ ތިބެގެން ދައްކަމުން ދިޔަ މަންޒަރު ފެނުނު." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ސުލްހަވެރި ސިޔާސި ހަރަކާތްތައް ހިންގަން އޮންނަ ފުރުސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ހަމަނުޖެހުން ހިންގަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި އެކަންކަމަށް ސަލާމަތީ ހިދުމަތްތަކުން ޖާގަ ނުދޭނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

"މުޒާހަރާކުރުމުގެ ނަމުގައި ރަށު ތެރޭގައި ހަމަޖެހުން ނަގާލައި، ރައީސުލްޖުމްހުރިއްޔާގެ ސަލާމަތަށް ނުރައްކާކުރުމުގެ ފުރުސަތެއް ސަލާމަތީ ހިދުމަތްތަކަށް ނުދޭނެ. ޏ. ފުވައްމުލަކު އަދި ގއ.ވިލިނގިލީގައި އިދިކޮޅު ފަރާތްތަކުން އެ ރަށްރަށުގެ ހަމަޖެހުން ނަގާލައި، ރައީސްގެ ސަލާމަތަށް ނުރައްކާކުރަން ކުރި މަސައްކަތް ނޫސްވެރިންނަށްވެސް ފެނިފައިވާނެ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ރަށްރަަށުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ. އަދި އިދިކޮޅުން ބާއްވާ ހަރަކާތްތަކަކީ ސަރުކާރުން ބާއްވާ ކަންކަމަށް ހުރަސް އެޅޭ ގޮތަށް ކުރާ ކަންކަމަށް ވެގެން ނުވާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު