ގައުމަކަށް އިޤްތިޞާދީ ތަރައްޤީ ބޭނުންވާ ގޮތަށް އިންސާނީ ތަރައްގީވެސް ބޭނުންވާނޭކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޤައުމީ ކުތުބުޚާނާ ޒަމާނީ ފެންވަރަށް ބަދަލުކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކަދައްކާއިރު، އިޤްތިޞާދީ ތަރައްޤީއެކޭ އެއްވަރަށް އިންސާނީ ތަރައްޤީވެސް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.

ޔުމްނާ ވިދާޅުވީ އިންސާނީ ތަރައްޤީ ގެނެވޭނީ ހޭލުންތެރި ތަޢުލީމީ ރައްޔިތެއް ބިނާކޮށްގެންކަމަށެވެ.

"އިންސާނީ ތަރައްޤީ ގެނެވޭނީ ހޭލުންތެރި ތަޢުލީމީ ރައްޔިތެއް ބިނާކޮށްގެން. ފޮތްކިޔާ މަޢުލޫމާތު ހޯދާ ދިރާސާކުރާ ޖީލެއް ބިނާކޮށްގެން،" ޔުމްނާ ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާ ތަރައްޤީކޮށް ނިންމާލިއިރު އެތަނުގައި ވަނީ ޒަމާނީ އެތަކެއް ވަސީލަތްތަކެއް ޤާއިމުކޮށްފައެވެ.

އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި ކުތުބުޚާނާގެ "މައި ރީޑިންގ އޭރިޔާ"ގެ ޑިޒައިންނަށް ބަދަލުތަކެއް ގެނެސް، މާހައުލާގުޅޭ ގޮނޑިއާއި މޭޒު އަދި ބީންބޭގްސް ވަނީ ބަހައްޓާފައެވެ. އަދި ކުތުބުޚާނާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އިންޓަރނެޓް ބޭނުންކުރުމަށްޓަކާ ފަހުގެ ކޮމްޕިއުޓަރ ސިސްޓަމްތައް ވެސް ބަހައްޓާފައިވެއެވެ.

ކުތުބުޚާނާގެ މަޢުލޫމާތާއި ލިބެންހުރި ފޮތްތަކުގެ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށްޓަކާ 65 އިންޗީގެ ޓީވީއެއްވެސް ތަނުގައި ބަހައްޓާފައިވެއެވެ.

މިގެނެވުނު ބަދަލުތަކުގެ ތެރެއިން ޤައުމީ ކުތުބުޚާނާގައި މުޅިން އަލަށް އޯޑިއޯ ބޫތެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މިއީ ފޮތްތަކަށް އަޑުއެޅުމާއި، ފެނުމުން މަޙުރޫމުވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ބޫތެކެވެ.



ކިޔުންތެރިންގެ ހިޔާލު