41 ލޯކަލް ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަން، ސީ.އެސް.ސީއިން އިޢުލާންކޮށްފިއެވެ.

ސެކްރެޓަރީ ޖެނެރަލަކީ ލޯކަލް ކައުންސިލުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. ނަމަވެސް އެ މަގާމަށް މީހުން ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނަށުންނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ.

އެންމެ ފުރަތަމަ އެސްޖީންގެ މަޤާމަށް ހުޅުވާލީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު އެކޮމިޝަނުން 200 ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާންކުރި ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި ހަމައަށް އައްޔަނު ކުރެވިފައިވަނީ 127 ސެކްރެޓަރީ ޖެނެރަލުންނެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި އެންމެފަހުން އައްޔަންކުރި ބައެއް އެސްޖީން މިހާރުވެސް ވަނީ އިސްތިޢުފާ ދީފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ސެކްރެޓަރީ ޖެނެރަލުން ހޯދަން މިފަހަރު ހުޅުވާލީ 5 އަތޮޅު ކައުންސިލަކާއި، 36 ކައުންސިލަކަށެވެ.

ރަށު ކައުންސިލުގެ އެސްޖީންގެ ގޮތުގައި 2 ރޭންކަކުން ކުރިމަތިލެވޭގޮތަށް ވަނީ ހުޅުވާލާފައެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285 ރުފިޔާއެވެ. އަތޮޅު ކައުންސިލްތަކުގެ އެސްޖީންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 21،000 ރުފިޔާއެވެ. މިއީ 5 އަހަރު ދުވަހުގެ މުއްދަކަށް އައްޔަނުކުރާ މަޤާމެކެވެ.

ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ދަތިވެފައިވާތީ، ސިވިލް ސާރވިސް ކޮމިޝަނުން ވަނީ އެމަޤާމުގެ ޝަރުތުގެ ތެރޭގައި ޑިގްރީ އޮތް މީހަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައި އޮތް އޮތުން ދަށްކޮށް، ޑިޕްލޮމާގެ ފެންވަރު މީހުންނަށްވެސް ކުރިމަތިލެވޭގޮތަށް ބަދަލުކޮށްފައެވެ.

ސެކްރެޓަރީ ޖެނެރަލުންގެ މައިގަނޑު މަސްޢޫލިއްޔަތުގެ ތެރޭގައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލްގެ ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު