އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫއު ބީލަން ކާމިޔާބު ކުރި ކުންފުންޏަށް ސަރުކާރުން އެކަން އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް އެކަން އަންގާ "ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ޙަވާލުކޮށްފައިވާކަމަށެވެ. އަދި މާލިއްޔަތު ގަވާއިދުގެ ދަށުން ކުރިއަށް އޮތް 5 ދުވަހުގެ ސްޓޭންޑް ސްޓިލް މުއްދަތަށްފަހު، އެފަރާތަށް މަޝްރޫޢު ރަސްމީކޮށް އެވޯޑުކުރެވޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

ނަމަވެސް ބީލަން ކާމިޔާބުކުރި ކުންފުނީގެ ނަމެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ އެއަރޕޯޓެކެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކަރުން ވިދާޅުވާ ގޮތުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެކެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢަކީ ބަޔަކާއި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ވަނީ ބަޔަކާއި މިހާރު ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު