މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެޕާޓީން ބާއްވާ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގައި ގިނަ މީހުންގެ ތާއީދު އޮތީ ކޮންބޭފުޅަކަށްކަން ދައްކަން މަސައްކަތް ކުރުމަކީ ކޮންމެ ބަޔަކުވެސް ކުރާނެ ކަމެކެވެ.

އެގޮތުން، އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ވީ އެންމެ ގިނަ މެންބަރުން ނެރެގެން ބޮޑުމަންޒަރެއް ދެއްކުމަށް މަސައްކަތް ކުރާއިރު އޭގައި އިހުލާސްތެރިކަމެއް ނެތުމުން ފަހުން ލިބޭ ގެއްލުމުގެ ބޮޑުކަމުގެ ވާހަކައަކީ މިހާރު ދައްކަން ޖެހިފައިވާ ވާހަކައެކެވެ.

މި އިންތިހާބަށް ބަލާއިރު ވެސް މި މަންޒަރު ވަރަށް ބޮޑަށް ފެންނަމުންދާކަން ފާހަގަ ކުރެވެއެވެ. އެމްޑީޕީއަށް ނިސްބަތްނުވާ މެންބަރުން ވެސް ހިމަނައިގެން ބޮޑު ކުރައުޑެއް ދެއްކުމަށް މަސައްކަތް ކުރާތަން ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުން ފެންނަކަމުންދާ ކަމަށް ގިނަބަޔަކު ކުރަމުންދާ ތުހުމަތަކީ ހަގީގަތެއްކަން ހާމަވާ ވަރަށް އެކަން މިހާރު ވަނީ ފެންމަތި ވެފައެވެ.



މިކަން ހިނގާގޮތް އާންމު ރައްޔިތުންގެ ދުލުން އެކި ތަންތަނުގައި ކިޔާދީފައިވެސް އެބަހުއްޓެވެ. އެންމެފަހުން ރައީސް މުޙައްމަދު ނަޝީދު އައްޑުއަށް ކުރެއްވި ދަތުރުފުޅަކީ އޭގެ މިސާލެކެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނީ ރައީސް ނަޝީދުގެ ކެމްޕޭން ހަރަކާތުގައި އެމްޑީޕީއަށް ނިސްބަތްނުވާ މެންބަރުން ގިނަ އަދަދަކަށް ބައިވެރިވަމުންދާކަމަށެވެ. އަދި އެކަން އިސްވެ އިންތިޒާމުކުރަމުން ގެންދަނީ އިދިކޮޅު ޕީޕީއެމުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.



އެގޮތުން، ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުގައި މެންބަރުން ގިނަކަން ދައްކައިގެން އިންތިހާބަށް ނުފޫޒު ފޯރުވަން ދަލުބޭރުގައިތިބެ ޕީޕީއެމް މެންބަރުން ކުރާ މަސައްކަތް ބައެއް މެންބަރުންނަށްވަނީ ގާތުން ފެނިފައެވެ. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަރަށް ރޭވުންތެރިކަމާއިއެކު ޕީޕީއެމް މެންބަރުންނަށް ނަޝީދުގެ އިވެންޓުތަކުގައި ބައިވެރިވާން އަންގަމުންދާކަމަށް އެމީހުން ބުނެއެވެ. އޭގެތެރޭގައި އެމްޑީޕީގައި ރައީސް ނަޝީދުގެ އަރިހުގައި އުޅުއްވުމަށްފަހު ފަހުން ޕީޕީއެމަށް ބަދަލުވެގެން ތިއްބެވި ބައެއް ފަރާތްތައް އިސްވެ އުޅޭކަން އާންމު ރައްޔިތުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން، އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ތިބި ޕީޕީއެމަށް ވަފާތެރި ޕީޕީއެމް ފިކުރުގެ މެންބަރުންނަކީ ކޮބައިތޯ ބަލައި އެ މެންބަރުންގެ ވޯޓް ރައީސް ނަޝީދަށް ކޮންމެހެންވެސް ހޯދައިދިނުމަށް އެފަރާތްތަކުން އިރުޝާދު ދެމުންގެންދާކަން ވެސް ވަނީ އެނގިފައެވެ.



މީގެ އިތުރުން ފުވައްމުލަކުގައި ރައީސް ނަޝީދު ބާއްވާ ޖަލްސާއަށް އެރަށުގެ ޕީ.ޕީ.އެމަށް ނިސްބަތްވާ ފަރާތްތަކުން ނިކުތުމަށް އިރުޝާދު ދެމުންދާކަމަށް ވަނީ އަޑުފެތުރިފައެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ ކުރިން ފުވައްމުލަކު މެމްބަރުކަން ކުރެއްވި ޝިފާގު މުފީދު (ހިސްޓޯ) ކަމަށް އިތުބާރު ހުރި ބައެެއް މަސްދަރުތަކުން ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން އާޓިފިޝަލް ބީޗްގައި ރައީސް ނަޝީދު ބާއްވާ ކެމްޕެއިން ޖަލްސާގައި ބައިވެރިވުމަށް ޕީ.ޕީ.އެމް ގެ މާލޭ އާދެވެންތިބި ބައެއް މެންބަރުން މާލެއައުމަށް އަންގަމުންދާ ކަމަށްވެއެެވެ.

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަކަށް އިދިކޮޅު ޕީޕިއެމްގެ އެހާބޮޑު ޝައުގެެއް އޮތް ސަބަބާއި މެދު ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ. އަދި ގިނަ ބަޔަކު އަންނަނީ އެސުވާލު އުފައްދަމުންނެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕިއެމުން އެމްޑީޕީ ޕްރައިމަރީ ގަޑުބަޑުކޮށް އެޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ގޮތްކިޔައި ފާޑުކިޔައި ކަންކަމާއި ބެހި ހެދުމަކީ ރަނގަޅު މަގުސަދެއްގައި ކުރާނެ ކަމެއް ކަމަށއ ގަބޫލު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އިދިކޮޅު ޕާޓީން މިފަދަ ހައްސާސް ދަނޑިވަޅެއްގައި އެފަދަ ކަމެއް ކުރާނީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެންކަމެއް ނުވަތަ ވަރަށް ގޯސް މަގުސަދެއް އޮވެގެން ކަމުގައި ނޫނީ ނުވާނެއެވެ. މިއީ އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ބީދައިން އެމްޑީޕީގެ މެމްބަރުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

އެމްޑީޕީ ޕްރައިމަރީ ގަޑުބަޑުކުރަން ބަޔަކު އުޅޭނަމަ އެންމެންވެސް އެކަމަށް ސަމާލުވާންޖެހެއެވެ. މިފަދަ އޮޅުވާލުންތަކުގެ ސަބަބުން ވޯޓުގެ ނަތީޖާއަށް ވަރަށް ބޮޑެތި އަސަރުތައް ކޮށްފައި އެބަހުއްޓެވެ. އަދި އިންތިހާބުތަކުގެ ނަތީޖާގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ބަޔަކަށް ލިބިދޭކަމެއްގެގޮތުގައި ވެސް މިފަދަ އޮޅުވާލުންތައް ފާހަގަ ކުރެވެއެވެ.

ކޮންމެއަކަސް ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ދެ ރައީސުން ވާދަކުރާ މި އިންތިހާބުގައި އެޅެންއޮތް ފަންޏެއް އަޅުވައިގެން އިންތިހާބު ގަޑުބަޑު ކުރަން، ބަޔަކު މަސަައްކަތް ކުރާކަން ލޯމައްޗަށް ފެންނަ މި މަންޒަރުތަކުން ކަށަވަރުވެ ޔަގީންވެއެެވެ. އެމީހުންނަށް މި ޕްރައިމަރީ މުހިންމުވާ ސަބަބާއި ވަކި މީހަކަށް ޕްރައިމަރީ ކާމިޔާބު ވެއްޖެނަމަ އެމީހުންނަށް އޮތް ފައިދާގެ ވާހަކައަކީ މިހާރު އެންމެންވެސް ދައްކަމުންދާ ވާހަކައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން