ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހއ، ހދ، ރ، އަދި ކ އަތޮޅުން ބީލަމަށް ދޫކުރާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މާރޗް މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ކަމަށާއި، މ، ފ އަދި ތ އަތޮޅުން ދޫކުރާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މާރޗް 29 ވަނަ ދުވަހުގެ 10:00 ކަމަށެވެ. އަދި ޖެހިގެން އަންނަ ދުވަހުގެ 10:00 އާއި ހަމައަށް، ގއ އާއި ގދ އިން ދޫކުރާ ރަށްތަކަށް ބީލަން ހުށަހެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މިފަހަރު ޖުމުލަ 16 ތަން ބީލަމަށް ހުޅުވާލާފައިވާއިރު އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެންމެ ބޮޑު އަގެއް ކަނޑައަޅާފައިވަނީ ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީ ކުރުމަށެވެ. އެ ދެ ތަނަށް ވެސް އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި ހުށައެޅެނީ 34 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން ދޫކުރަން ނިންމާފައިވާ ހއ. މެދަފުށީގެ އެކުއިޒިޝަން ކޯސްޓަކީ 13.5 މިލިއަން ރުފިޔާއެވެ. ތ. އޮޅުފުއްޓާއި އޮޅުފުށި ފަރުގެ އެކުއިޒިޝަން ކޯސްޓަކީ 10.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގދ. ފެރޭތަވިލިގިއްލާ އާއި ޖެހިގެން އޮންނަ އިތުރު ތިން ރަށެއް އެއްކޮށްލައިގެން ދޫކުރަން ކަނޑައަޅާފައިވާ އެކިއުޒިޝަން ފީއަކީ 10.7 މިލިއަން ރުފިޔާއެވެ.

މި ރަށްރަށުގެ އިތުރުން މިއަދު ބީލަމަށް ހުޅުވާލި ތަންތަނުގެ ތެރޭގައި މ. ބޯހުރާ އާއި ގއ. ބޭރަމައުއްޑޫ އާއި ގއ. ފުނަދޫވިލިގިއްލާ އާއި ގދ. ކަޅެހުއްޓާ އާއި ހއ. އަލިދުއްފަރުފިނޮޅާއި ރ. އެއްތިގިއްޔާއި ގދ. ހާދުވާ ވެސް ހިމެނެއެވެ. އޭގެ ތެރެއިން އަލިފުށިފަދަ ބައެއް ރަށްރަށް އިއުލާނު ކޮށްފައިވަނީ އެއްފަޅުގައި އޮންނަ ފަޅުރަށާއި ގުޅޭގޮތަށް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމަށެވެ.

މީގެ ތެރެއިން ގިނަ ރަށްތަކަކީ މިދިޔަ އަހަރު ވެސް ރިސޯޓު ހެދުމަށް ބިޑަށްލާފައިވާ ރަށްރަށެވެ. ނަމަވެސް، އެކަށީގެންވާ ހުށަހެޅުމެއް ނުލިބުމާއި ގުޅިގެން އެ ރަށްރަށް ހަވާލުކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން