ހުޅުމާލެއިން ގޯތި، ބިން، ފުލެޓު އަދި ރޯހައުސް ފަދަ ތަންތަން ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއިއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނިޔާވެފައިވާ ފަރާތްތަކުގެ މައުލޫމާތު އެ މީހުންގެ އާއިލާތަކުން އެޗްޑީސީއަށް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެފަދަ މީހުންގެ މައުލޫމާތު ހޯދަން މީގެ ކުރިންވެސް އާންމުކޮށް އިއުލާނު ކުރެވިފައިވާނޭ ކަމަށެވެ. ނަމަވެސް، އަދިވެސް މައުލޫމާތު ހުށަނާޅާ ބައެއް ފަރާތްތައް ތިބެދާނެކަމަށް ބަލައި މައުލޫމާތު ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދޭން ނިންމާފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އަދި އެ މައުލޫމާތު ހޯދުމުގެ ބޭނުމަކީ، އެ ކޯޕަރޭޝަންގެ ޑޭޓާބޭސް އަދާހަމަކޮށް، އެ ކޯޕަރޭޝަނުން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުން ކަމަށާއި އޭގެ އިތުރުން، ނިޔާވެފައިވާ ފަރާތްތަކާއިއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން، އެ ފަރާތްތަކަށް ލިބިދޭ ހައްގުތައް އެކި މަރުހަލާތަކުގައި ކަށަވަރު ކޮށްދިނުމަށްޓަކައި، މަސްޢޫލިއްޔަތު އުފުލާނެ ފަރާތެއް ޝަރީއަތުން ކަނޑައެޅުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން، އެ ކޯޕަރޭޝަނާއިއެކު ވިއްކުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް އޮތް ފަރާތެއް ނިޔާވެފައިވާނަމަ އެ މައުލޫމާތު 21 ޖަނަވަރީ 2023 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް އެންގުމުގެ ފުރުސަތު މިހާރު ދީފައިވާކަމަށް ވަނީ ބުނެފައެވެ. އެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެކަމަށް އެޗްޑީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން