ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ސަރުކާރުގެ އައު އޮފީސް އިމާރާތަށް ރާއްޖެއަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ނ.އ.އ.ވ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ނަންފުޅު ހާއްސަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މި އޮފީހަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށްގެން އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމެވުމާއި ގުޅިގެން ބިނާކުރި އޮފީސް އިމާރާތެކެވެ.

މި އޮފީސް އިމާރާތް ހުޅުވުމަށް ތައްޔާރުވަމުންދާއިރު ސަރުކާރުން ވަނީ މި އޮފީހަށް އުމަރު ޒާހިރުގެ ނަމާއި ގުޅުވައިގެން ނަންކިއުމަށް ނިންމާފައެވެ. އަދި އެ ނަން އިމާރާތުގައި މިހާރު ވަނީ ހަރުކޮށްފައެވެ.

6 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި އޮފީސް އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުންނެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްޤީކޮށްފައިވާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންގއަށް ބޭނުންކުރުމަށެވެ. އިމާރާތަށް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާގައެވެ. އަދި އިމާރާތުގެ އެންމެ މަތި، 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

ރާއްޖޭގެ ތަރައްގީގެ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ އުމަރު ޒާހިރު އަވަހާރަވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ޢުމަރު ޒާހިރު ވަނީ 1953އިން ފެށިގެން 2008އާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން