ރާއްޖެގެ ރަށްރަށުގައި ގެސްޓް ހައުސް ހަދަން ހުއްދަ ދިނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނޫންކަމަށާއި، އެ ހުއްދަ ދިނީ އޭގެކުރިން 2008 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ކ. ގުރައިދޫއަށް މިއަދު ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި ވިދާޅުވީ ކުދިރަށްރަށަށް ކުރާ ހަރަދުތަކަކީ ބޭކާރު ހަރަދެއްކަމަށް ބައެއް ފަރާތްތަކުން މިއަދު އެބަ ބުނާކަމަށެވެ. ނަމަވެސް އެއީ ބޭކާރު ހަރަދެއް ނޫންކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕާޓީގެ ސިޔާސަތުތައް ކުރިއަރުވަން މަސައްކަތް ކުރަނީ ކޮން ބައެއްކަން މިއަދު ފެންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންގެ ވިސްނުން ބަދަލުވެގެން މިދިޔައީ ކީއްވެތޯ؟ އަބަދުވެސް އެމްޑީޕީ ވަކާލާތު ކުރަމުން އައީ ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުމަށް. މިއަދު މުޅިން އެއާ އިދިކޮޅަށް ވާހަކަދައްކާކަމީ އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއް ނޫން. އެއީ އޭގެފަހަތުގައި އެހެން މަގްސަދެއް އޮވެގެން ކުރާ ކަމެއްކަމަށް ވެދާނެ. ތި ބޭފުޅުން އެއާ ކައިރިވެވަޑައިނުގަންނަވާ." ރައީސް ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިހު ވިދާޅުވީ ގެސްޓް ހައުސްއަކީ ރައީސް ނަޝީދު ގެނެސްދެއްވި އެއްޗެއްކަމަށް ބުނާއިރު އެއީ ހަގީގަތެއް ނޫންކަމަށެވެ. އަދި އެކަން ވެގެންދިޔައީ އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން ކުރި މަސައްކަތުންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

"ކުރިން މާލޭގައި ނޫނީ ގެސްޓް ހައުސް ނުހެދޭ. އެއަށްފަހު ރަށްރަށުގައި ގެސްޓް ހައުސް ހެދޭގޮތަށް އެ ބަދަލު ގެނައި ކޮން ބަޔަކު ކޮން އިރަކުތޯ މިއީވެސް ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގައި އެބަހުރި މަސައްކަތްތަކެއް ކޮށްފައި. އެހެންނަމަވެސް ކުރިން ސަރުކާރުން ނިންމާފައި އޮތް ނިންމުން ބަދަލުވެގެން ދިޔައީ، ބަދަލު ކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން. މަޖިލިސް ތެރެއިން. ސަރުކާރަށް އެކަން ކުރަން ލާޒިމުވާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ މޫސަ، ޝާހިދު، މާރިޔާފަދަ ބޭފުޅުން." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ގެސްޓް ހައުސް ހެދުމަށް ހުއްދަ ހޯދުމަށް ކުރި މަސައްކަތް ހިނގައިދިޔަ ގޮތާއި އެކަމުގެ ބަހުސް ކުރިއަށް ދިޔަ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ތަރައްގީވެފައިވާ މިނިވަން މާހައުލެއް ހޯދަންކަމަށެވެ. އަދި 2018 ވަނަ އަހަރު ފެށި މަސައްކަތުން އެކަން ދަނީ ހާސީލުވަމުންކަމަށާއި އެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން