ކޮވިޑު19 އާއި ގުޅިގެން ޗައިނާއިން ޓޫރިސްޓުން އައުން ހުއްޓިފައި އޮންނަތާ ތިން އަހަރުފަހުން، އަލުން ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަންފެށިތާ ހަތަރު ދުވަސްތެރޭ އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި 10 ގައުމުގެ ތެރޭގައި ޗައިނާ ހިމެނިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާދީއްތަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ޗައިނާއިން ވަނީ 2،354 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކޮށްފައެވެ. އެ އަދަދާއިއެކު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމު ތަކުގެ 9 ވަނަ މަގާމު ޗައިނާއިން ވަނީ ހޯދާފައެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވެސް ވަނީ ޗައިނާއިން އަލުން ފަތުރުވެރިން އަންނަންފެށިތާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ޓޫރިސްޓް އެރައިވަލް ލިސްޓުގެ ގަދަ ދިހައަކުން ޖާގަ ހޯދާފައިވާތީ އެކަން ފާހަގަ ކުރަށްވާފައެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެގައުމު އެލިސްޓުގައި ކުރިން އޮތް އެއްވަނަ މަގާމަށް އަރާނެކަން މިނިސްޓަރު ފާހަގަ ކުރަށްވާފައި ވެއެވެ.

ޗައިނާގެ ފަތުރުވެރިން ގިނަ ދުވަސްތަކަކަށްފަހު ރާއްޖެ އަންނަން ފަށާފައިވާއިރު އެ ގައުމުން ފަތުރުވެރިން އަލުން އަންނަން ފެށުން، ދިވެހި ސަރުކާރުންވަނީ ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ.



ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު 284،029 އެރައިވަލްސް (%16.7) އާއެކު ރާއްޖޭގެ ޓޮޕް ސޯސް މާކެޓަކީ ޗައިނާއެވެ. ކޮވިޑްގެ ސަބަބުން ޗައިނާގެ ބޯޑަރުތައް ބަންދު ކުރުމާއެކު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައި އޮތުމަށް ފަހު އަލުން ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަން ފެށީ ހުސްވި ހަފުތާ ނިމެމުން ދަނިކޮށެވެ.

ބޯޑަރު ބަންދުކޮށްފައި އޮތްނަމަވެސް، އެމްއެމްޕީއާރުސީއިން ޗައިނާ މާކެޓުގައި ރާއްޖޭ އިސްތިހާރު ކުރުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔައެވެ. މި ގޮތުން 2020 ވަނަ އަހަރު ޗައިނާގެ މާކެޓަށް އަމާޒުކޮށްގެން ޖުމްލަ 14 ހަރަކާތެއް ހިންގިއެވެ. އަދި 2021 ވަނަ އަހަރު މި މާކެޓަށް އަމާޒުކޮށްގެން 08 ހަރަކާތެއް ހިންގާފައި ވާއިރު، ހަރަކާތްތަކުގެ ޖުމްލަ ރީޗް އަކީ 10.2 މިލިއަން ކަމަށް އެމްއެމްޕީއާރްސީން މީގެ ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު