އިދިކޮޅު ޕީޕިއެމްގެ ކިއްލާއަކުން އެމްޑީޕީގެ ކިއްލާ އަކަށް ވިލިނިގިލި ބަދަލުކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިން މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަގަހަ އެއް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިން ވިދާޅުވީ ހުވަދު އަތޮޅުގައި އެމްޑީޕީގެ މިހާރުގެ ކިއްލާ އަކީ ވިލިނިގިލި ކަމަށެވެ. އެރަށް އެމްޑީޕީގެ ކިއްލާ އަަކަށް ހައްދަވައިދެއްވީ ރައީސް ސާލިޙު ކަމަށާއި އެއީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސައުދު ވިދާޅުވިއެވެ. ހުވަދުއަތޮޅުގައި އެމްޑީޕީ މިހާރު ދަނީ ދުވަހެެއް ދުވަހަކަށްވުރެ ވަރުގަދަވަމުން ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައީސް އިބްރާހިމް މުުހައްމަދު ސާލިޙުގެ ވެރިކަމަކީ މިހާތަނަށް ރާއްޖޭގައި ނުއުފެދޭ ވަރުގެ ވަރުގަދަ ވެރިކަމެއް ކަމަށެވެ. އެގޮތުން މި ވެރިކަމަކީ ކޮވިޑުގެ ހާލަތުން ދިވެހި ރައްޔިތުން ސަލާމަތްކޮށްދިން ވެރިކަން ކަމަށް ސައުދު ވިދާޅުވިއެވެ.

"މިއީ ދިވެހި ދައުލަތުގެ ޚަޒާނާއިން ވައްކަންކުރި ވަގުންނަށް ހައްގު އަދަބު ދިން ސަރުކާރު. އެފަދަ ވެރިކަމަކަށް މިއަދު އަޅުގަނޑުމެން ދުލެއް ނުކުރާނަން، އިރާދަކުރެެއްވިޔާ ވިލިނގިލީ ރައްޔިތުން ނިކުމެ މި ތިބީ ރައީސް ސާލިޙު ދެވަނަ ދައުރަކަށް ނެގުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް. އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބޭފުޅުން ސާބިތުކަމާއެކު ތިއްބަވާތި، މިއަދު ފިކުރެެއް ފަނާވެގެން މިދަނީ ވަކިބަޔަކު ބަގުޑި ބައްދައިގެން އެހެން މީހުންނަށް ޖާގަ ނުދިނުމުގެ ނަތީޖާ." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައީސް ސާލިހާއެކު ނިކުންނެވީ ރާއްޖޭގައި އޮތް ސާފު ތާހިރު ވެރިކަން ދިފާއު ކުރުމަށް ކަމަށެވެ. އެމްޑީޕީގެ ފިކުރު ދިރުވައި އާލާކުރެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ސާލިޙު ކަމަށް ސައުދު ވިދާޅުވިއެެވެ.

ސައުދު ވިދާޅުވީ ވިލިނގިލީގައި ހުއްޓިފައިވާ ތަރައްގީ މެކުހަށް ޖަހާނެ ކެންޑިޑޭޓަކީ ރައީސް ސާލިޙު ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކަށް މަސްވެރިންނަށް އަޅާލެވިފައިނުވާ ކަމަށް ސައުދު ވިދާޅުވި އެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ 30 އަހަރުވެސް ރާއްޖޭގެ މަސްވެރިކަމަށް ނުގެނުވުނު ތަރައްގީ މި ސަރުކާރުން ގެނެސްފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.

"މަސްވެރިންނަށް ޚިދުމަތް ކުރަން ލިބުނު ވަގުތުގައި ޚިދުމަތް ކުރަން ނުކެރުނު ކެންޑިޑޭޓަކަށް ދެން އެ ފުރުސަތެއް ނޯއްނާނެ." އެމްޑީީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަަށް ފާޑުވިދާޅުވަމުން ސައުދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު