ރާއްޖޭގައި ރައީސްކަން ކުރައްވާ ބޭފުޅުންނަށް ދެ ދައުރު މަސައްކަތް ކުރައްވަން ނުލިބުމަކީ ގައުމުގެ ތަރައްގީއަށް އޮތް ހުރަހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިއަދު ވިދާޅުވީ، އާ ގާނޫނު އަސާސީއަށްފަހު އަދި ކުރެވިފައި ނެތް ތަޖުރިބާއެއް އެބައޮތް ކަމަށާއި އެއީ، އެއް ބޭފުޅަކަށް ދެ ދައުރު ވެރިކަން ކުރުމުގެ ފުރުސަތު ލިބިފައި ނެތުން ކަމަށެވެ.

އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެޅިފައިއޮތް އެންމެ ބޮޑު އެއް ހުރަހަކީ އެއީ ކަމަށްވެސް އަމީތު ވަނީ ވިދާޅުވެފައެވެ.

އަމީތު މިފަދައިން ވިދާޅުވިއިރު، އޭނާއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ރައީސްކަމަށް ހޮވުމަށް ތާއީދު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.



ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރެވުނުފަހުން އުފެދުނު ފުރަތަމަ ސަރުކާރުކަމަށްވާ ރައީސް ނަޝީދުގެ ސަރުކާރު ނިމިގެން ދިޔައީ ދައުރު ފުރިހަމަ ނުކުރެވިއެވެ. އޭގެފަހުން ދެން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުޙައްމަދު ވަހީދު ޙަސަން ވެސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވިއެވެ. ނަމަވެސް ލިބިވަޑައިގެން 5 ޕަސެންޓުގެ ވޯޓާއިއެކު އެމަނިކުފާނަށްވެސް ދެވަނަ ފުރުސަތެއް ނުލިބުނެވެ. މިހާތަނަށް އާގަނޫނު އަސާސީގެ ދަށުން ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވުނީ ރައީސް ޔާމީނަށެވެ. އަދި ދެވަނަ ދައުރަކަށް އެމަނިކުފާނު ކުރިމަތި ލެއްވިނަމަވެސް ޔާމީނަށް ވެސް ދެވަނަ ދައުރެއް ލިބިވަޑައެއް ނުގަތެވެ.

މިވަގުތު ސިޔާސީ މަޝްރަހު އޮތްގޮތުން ދެވަނަ ދައުރެއް ލިބުމުގެ ފުރުސަތު މިހާރު އޮތީ ރައީސް ޞާލިޙަށް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު