ގަވާއިދުތަކާއި ހިލާފަށް އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގެ ގޮނޑުދޮށް ހިމާޔަތްކޮށް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ، ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28 މިލިއަން ރުފިޔާގެއިން ޖޫރިމަނާ ކޮށްފިއެވެ.

މި މައްސަލާގައި އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލާގައި ކަންހިނގާދިޔަ ގޮތުގެ ރިޕޯޓެއް ހުށަހެޅުމަށް އީޕީއޭއިން އެންގުމުން އެކުންފުނިން ހުށަހެޅި ރިޕޯޓުގައި، އެރަށު ބަނދަރު ތަރައްގީ ކުރުމުގެ ތެރޭގައި 1055 އަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1582 ކޮޑި މީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ގާއިމު ކޮށްފައިވާ ކަމާއި އެ މަސައްކަތުގައި ނެގުނު ވެލިތައް، އަލަށް ގާއިމު ކުރި ބަނދަރާއި އިންވެގެން ބަނދަރުގެ ކީވޯލްގެ ފަހަތަށް އަޅާފައިވާކަމަށް އިއުތިރަފު ވެފައިވާ ކަމަށެވެ.

އެހެންކަމުން، އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ މަސައްކަތް އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް ކުރިއަށް ގެންގޮސްފައިވާތީ، ތިމާވެރި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން 20،000 ރުފިޔާއިން ޖޫރިމަނާކޮށް އޭގެ އިތުރުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، 28،469،525 ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.



މި ދެ އަދަދާއިއެކު ޖުމުލަ ދައްކަންޖެހޭ 28،489،525 (އަށާވީސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ނުވަހާސް ފަސްސަތޭކަ ފަންސަވީސް ރުފިޔާ) ސަރުކާރު ބަންދުނޫން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް ހުރުއެޅި އިންވެސްޓްމަންޓަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން