އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމެވި ސަބަބު ރައީސް އަރިހުގައި ކުރިން ދަންނަވާފައިވާނޭކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގައި ރައީސް ޞާލިޙް ވެސް ވާދަ ކުރައްވަނިކޮށް ރައީސް ނަޝީދަށް ތާއީދު ކުރައްވައި، އަމްރު މިހާރުވަނީ ނަޝީދު ފެކްޝަނާއިއެކު ކެމްޕޭންގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. އަމްރުގެ އެ ނިންމުމާއި ގުޅިގެން އެކަމުން ދޭހަވަނީ ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުންނަށް އެއްވެސް ބިރުވެރިކަމެއް ނެތްކަންކަމަށް ރައީސް ފެކްޝަންގެ ބޭފުޅުން ދިޔައީ ވިދާޅުވަމުންނެވެ.

ނަމަވެސް، މިއަދު ހުވަދުއަތޮޅަށް ވަޑައިގެން ތިނަދޫގައި ބޭއްވެވި ޖަލްސާއެއްގައި ރައީސް ވަނީ، ނުސީދާ ގޮތެއްގައި އަމްރަށް ބަސްފުޅެއް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން ނުވަތަ ކުންފުންޏަކުން ފަހެއް ނުޖެހޭނެ ކަމަށާއި އެކަންކަން ރައީސް ކަށަވަރު ކުރައްވާނެ ކަމަށެވެ.

އަދި ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލަކުން މަސައްކަތްތައް ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި އެއްވެސްކަމެއް ލަސްވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް މިއަދު ވަނީ ދެއްވާފައެވެ.

ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ކެމްޕޭނަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ދޫކުރައްވާ ވަޑައިގަންނަވާކަން އެމަނިކުފާނު އަރިހުގައި ދެންނެވިކަމަށެވެ.

"އަޅުގަނޑު ރައީސް ނަޝީދާއެކު ކެމްޕޭނަށް ދިޔުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާއަށް އަޅުގަނޑު ދާ ވާހަކައާ، ދާ ސަބަބާ އަދި ޕާޓީ އެތެރޭގެ އިންތިހާބުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯއިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދެންނެވިން." އަމްރު ވިދާޅުވިއެވެ.

އަމްރު ދެން ވިދާޅުވީ، އެސްޓީއޯއިން ކުރަމުން ގެންދަނީ ރައްޔިތުންނަށްޓަކައި ކުރާ ގައުމީ މަސައްކަތެއް ކަމަށާއި އެ ކުންފުނިން ކުރާ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން