ރައީސް ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ މައްސަލަތައް ނުބެލޭގޮތަށް ހުއްޓުވައިގެން ތިބީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެކަމުގެ ޒިންމާ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ކުރިއަށްދާގޮތް ހާމަ ކުރެއްވުމަށް ރައީސް ނަޝީދު މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި ނަޝީދު ވަނީ ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި ވަރަށް މި ސަރުކާރުގައި ވެސް އެކަން އެގޮތަށް އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލާގައި ދުއިސައްތަ އެތައް މީހުންނެއް ޝާމިލުވާއިރު އޭގެތެރެއިން ދައުވާކޮށްގެން އުޅެނީ އެންމެ މީހަކަށް ކަމަށެވެ. އަދި އެމަނިކުފާނަށް ޔަގީންވާގޮތުގައި ދެންތިބި މީހުންގެ މައްސަލަތައް ހުއްޓުވައިގެން އުޅެނީ ސީދާ ރައީސް ޞާލިޙް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް އެކަން އެގޮތަށް ކުރައްވަން ޖެހިވަޑައިގަންނަވާ ސަބަބެއް އޮންނާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން ރައީސް ޞާލިޙްގެ ފެކްޝަންގައި ހިމެނޭ ނިހާދު ރައްދު ދެއްވަމުން ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ އެތައްބައެއްގެ ހިމާޔަތުގައި އޭގެ ތެރެއަށް ވަދެ ހުއްޓުވައިގެން ތިބީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ މަޖިލީހުގެ ރައީސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

އަދި އޭގެތެރެއިން ބައެއް މައްސަލަތައް ލަސްވީ "ދިޔާކޮށް އުފުލި" ބޭކަލުންނާއި އެނޫންވެސް އަރިސް ބޭފުޅުން ސަލާމަތް ކުރަންޖެހުނީމާކަމަށް ވެސް ނިހާދު ވަނީ ވިދާޅުވެފައެވެ.

ނިހާދު ވިދާޅުވީ، އެހާ ފިއްތުން ބޮޑުއިރުވެސް މައްސަލަތައް ވަކިވަކިން ބެލި އެތައް މައްސަލައެއް ދަނީ ކޯޓުގައި ހިނގަމުން ކަމަށެވެ. އަދި ފައިސާ ހޯދުމަށް ހުކުމްވެސް ދަނީ ލިބެމުން ދާ ކަމަށް ނިހާދު ވިދާޅުވިއެވެ.

"ސްޕީޑު ލަސްވުމުގައި ކޮވިޑުގެ ދެ އަހަރު ދިމާވި ދަތި އުނދަގޫ ވެސް މަޖިލީހުގެ އުނދަގުލަށްވުރެ ކުޑައެއް ނޫން." ނިހާދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވެއެވެ.

ނިހާދުގެ ވާހަކައިގައި ދިޔާކޮށް އުފުލިކަމަށް ވިދާޅުވެފައި އެވަނީ މަޖިލިސް މެންބަރު ޢަލީ އާޒިމް، ކުރީގެ ނާއިބު ރައީސް އަތުން ދިޔާ އެއްޗެއް ދަބަހެއްގައި އުފުލި ކަމަށް ބުނާ ވާހަކައަށް ނިސްބަތްކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން