ސަރުކާރުގެ ކުންފުނިތަކުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭނެކަމަށާއި، އަދި ނުކުރެވޭކަމުގައި ވާނަމަ އެކަންކަން ކުރެވޭގޮތަށް ކަންކަން ބަދަލުކުރަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ހުވަދޫ އަތޮޅު ދެކުނު ބުރީ ތިނަދޫއަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް ސާލިހު ވިދާޅުވީ ތިނަދޫގެ މަސްވެރިންނަށް ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށާއި، އަދި އޭގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެސްޓީއޯއާއި މިފްކޯއާކަމަށެވެ. ނަމަވެސް މިހާރު އެކަންކަން ލަސްވެދާނެކަމަށް ބައެއް ބޭފުޅުން ލަފާކޮށްފާނެކަމަށާއި، ނަމަވެސް އެކަންކަން ލަސްވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.



"ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން ކުންފުންޏަކުން ފަހެއް ނުޖެހޭނެ. އެކަންކަން އަޅުގަނޑުމެން ކުރާނަން އަދި ކުރެވޭ ގޮތަށް ކަންކަން ބަދަލުކުރަމުން ގެންދާނަން. ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލަކުން މިފަދަ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެވޭނެ. ޔަގީންކުރައްވާ، މިއިން އެއްވެސް ކަމެއްް ލަސްވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން." ސަރުކާރު ބައެއް ކުންފުނިތަކުގެ އިސްވެރިން ސަރުކާރުގެ ސިޔާސަތު ތަކާއި ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާ މައްސަލައަށް އިޝާރަތް ކުރަށްވައި ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރައީސް ސާލިހުގެ ސިޔާސަތުތަކަށް ފާޑު ކިޔާ ކެމްޕެއިން ޓީމަކާއި ގުޅިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. ރައީސުލްޖުމްހުރިއްޔާ އައްޔަންކޮށްފައިވާ މަގާމެއްގައި ހުރެގެން ރައީސާ ދެކޮޅަށް ނިކުންނެވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ވެސް ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން