މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކޮށް ކުރިއަށް ހުރި އިންތިޚާބުތައް އެމްޑީޕީއަށް ކާމިޔާބުކުރުމަކީ ދަތި އުނދަގޫކަމަކަށްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ އެންމެ ފުރަތަމަ ކާމިޔާބު ކުރަންޖެހެނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ނުވެ ކުރިއަށް ހުރި އިންތިޚާބުތައް އެމްޑީޕީއަށް ކާމިޔާބުކުރުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވެރިކަމުގައި ތިބެ ނުވަތަ ވެރިކަން ކުރާ ޕާޓީއަކަށް ނޫނީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ކައުންސިލް އިންތިޚާބުވެސް ކާމިޔާބުވެފައި ނެތް ކަމަށެވެ.

"2008 ގައި އެކަންވީ އެހެން. 2013 ގައި ވީވެސް އެހެންނ 2013 ގައި ވެރިކަމުގައި އޮތީ ޕީޕިއެމް. ޕީޕިއެމް ބޮޑުތަނުން މަޖިލިސް ނެގި، ކައުންސިލްތައް ނެގި. 2018 ގައި އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހު ދެން ބޭއްވި ރައްޔިތުންގެ މަޖިލިސް ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބުވެގެން މިތިބީ. ކައުންސިލްތައް ވެސް. އެހެންވީމާ އެންމެ ފުރަތަމަ ކުރަންވީ ފުރަތަމަ ކުރަންވީ ކަންތައް، 2023 ކާމިޔާބު ނުކޮށްށެެއް ކުރިއަށް އޮތް އިންތިޚާބުތައް އަޅުގަނޑުމެންނަށް ކާމިޔާބުކުރުމަކީ ދަތި އުނދަގޫކަމެއް. 2024 ބޭނުންކަމަށްވިޔަސް 2026 ބޭނުން ކަމަށް ވިޔަސް ފުރަތަމަ ކުރަންޖެހޭ ކަމަކީ 2023 ކާމިޔާބުކުރުން." ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި އެޕާޓީގެ މެމްބަރުން މަގުމަތި ނުވާގޮތަށް ތަރައްގީއާއިގެން ކުރިއަށް ދެވޭގޮތަށް އެމަނިކުފާނަށް ޕްރައިމަރީގަައި ވޯޓް ދެއްވުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަރައްގީއާއިގެން ކުރިއަށް ދެވޭނީ އެމްޑީޕީއަށް ވެރިކަމުގައި ތިބެވިގެން ކަމަށެވެ. ޢެމްޑީޕީއަށް ވެރިކަން ލިބެން އޮތް މަގު އެޕާޓީގެ މެމްބަރުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އެހެންވީމާ އެމްޑީޕީގެ މެމްބަރުން އެކަމަށް ވިސްނަވާފައި ވެރިކަމަށް އެމްޑީޕީއަށް އާދެވޭނެ ގޮތް ޚިޔާރު ކުރުމަކީ އަަޅުގަނޑު މިއަދު އެދޭ އެދުން، އަޅުގަނޑު މިއަދު މިހުރީ ތިބޭފުޅުންނާއެކު މިކަމުގައި ކުރިއަށްދާން، ޝައްކެއް އޮތް ކަމެއް ނޫން، އިރާދަކުރެއްވިޔާ ޕްރައިމަރީ ބޮޑުތަނުން އަޅުގަނޑު ކާމިޔާބުކުރާނަން." ރައީސް ސާލިޙު ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު