ވެހިކަލްތަކުން ނަގާ ފީތައް ކައުންސިލްތަކަށް ބަލައިގެނެވޭގޮތަށް އިންތިޒާމުތައް މިހާތަނަށް ހަމަޖައްސާފައިވަނީ 19 ކައުންސިލަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެއްގަމު އުޅަނދު ފީއާއި، ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި، ޓްރެފިކް އަދި ޕާކިން ވަޔަލޭޝަން ޖޫރިމަނާ ފީތައް މީގެ ކުރިން ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. ނަމަވެސް، ގަވާއިދަށް ގެނައި ބަދަލާއިއެކު މި ފީތައް ބަލައިގަތުމަކީ ވެހިކަލް ރަޖިސްޓްރީވެފައިވާ ކައުންސިލެއްގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތެއްގެގޮތުގައި މިދިޔަ އަހަރު ފަހުކޮޅު ވަނީ ހަމަޖައްސާފައެވެ.

ކައުންސިލްތަކުން ބޭންކާއި ގުޅިގެން އެ އިންތިޒާމުތައް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން މުހުލަތު ދީފައި އޮތީ މިދިޔަ އަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށެވެ. ނަމަވެސް، އެކަމަށް ހަމަޖައްސާފައިވާ ހާއްސަ ޕޯޓަލް "ސަވާރީ ޕޭ" ބޭނުންކޮށްގެން ފައިސާ ބަލައިގަނެވޭނެގޮތް ހަމަޖެހިފައިވަނީ މިހާތަނަށް 19 ކައުންސިލެއްގައި ކަމަށް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަމަދު ޢަބްދުލްޣަނީ ރޭ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މިއީ ކައުންސިލްތަކުން އަލަށް ކުރަން ފަށާކަމެއްކަމުން، އެ އިންތިޒާމްތައް ހަމަޖެހެމުންދާ ވަރަކަށް، އެ ކައުންސިލްތަކުން މި ހިދުމަތް ލިބިގެން ދާނެކަމަށެވެ.

ރަށްރަށުގެ ކައުންސިލްތަކުން ވެހިކަލްތަކުގެ ފީތައް ބަލައިގަންނަން ފެށުމާއިއެކު އެ ފައިސާ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމަށް ކައުންސިލްތަކަށް ހަރަދު ކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު