ރައީސް ސާލިހަށް ރައީސް ޔާމީން އޯކޭ ނުވަނީ އެމްއެމްޕީއާރްސީގެ ފައިސާ ނެގި މީހުން އެނގިވަޑައިގަންނަވާތީކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

ރައީސް ސާލިހު ރޭ ބޭއްވެވި ކެމްޕެއިން ޖަލްސާއެއްގައި ވަނީ ރައީސް ޔާމީނާއެކު ކުރާނެ ސިޔާސީ މަސައްކަތެއް ނޯންނާނެކަމަށާއި، އެމަނިކުފާނަށް ރައީސް ޔާމީން އޯކޭ ނުވާނެކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުތަކާއި ގުޅިގެން ރައީސް ޔާމިންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ސާލިހަށް ރައީސް ޔާމީން އޯކޭ ނުވަނީ އެމްއެމްޕީއާރްސީގެ ފައިސާ ނެގި މީހުން އެނގިވަޑައިގަންނަވާތީ ކަމަށެވެ. އަދި އެ މީހުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ފިޔަވަޅު އެޅޭނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއަށް ވީ ގޮތް އެނގޭނެކަމަށް ވިދާޅުވެ އާދަމް ޝަރީފް ދެއްކެވީ ރަނގަޅު ވާހަކައެއް ކަމަށާއި، އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ދިޔައީވެސް ޔާމީންގެ އެކައުންޓަށްކަމަށެވެ. އަދި އާދަމް ޝަރީފް ވެސް އެކަން ގަބޫލުކުރައްވާ ފާޅުގައި އެހެން ވިދާޅުވިކަމަށްޓަކައި ޝުކުރު ދަންނަވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

"ދިވެހިންނަށް ޔާމީން އޯކޭއެއް ނޫން. އާދަމް ޝަރީފަށްވެސް އޯކޭ ނޫންކަން އަޅުގަނޑުމެންނަށް އެނގޭ" ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ޔާމިން އޯކޭ ނޫންކަމަށް ވިދާޅުވެ ރައީސް ސާލިހު ރޭ ވާހަކަފުޅުދެއްކެވީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޔާމީނަށް ތާއީދުކުރަށްވައި ވާހަކަފުޅުދައްކަވަމުންދާތީ އެކަމަށް ރައްދު ދެއްވައެވެ.



ކިޔުންތެރިންގެ ހިޔާލު