ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެތައް މަޝްރޫއެއް ކުރިއަށްދާކަމަށާއި، މިއީ މިހާތަނަށް ތަރައްގީގެ އެންމެ ގިނަ މަސައްކަތްތައް ހިންގި ސަރުކާރުކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީކަމަށާއި، އެމްޑީޕީއަށް ވެރިކަން ގެއްލުމުން ފެންނަ މަންޒަރު ހުރިހާ ރައްޔިތުންނަށް ސާފުކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގީ މި ސަރުކާރުންކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ތަރައްގީ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށްކަމަށެވެ.

ތަރައްގީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މިހާތަނަށް 141 ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާފައިވާ އިރު 47 ރަށެއްގައި ދަތުރުފަތުރުކުރުމުގެ ދަތިތަކަމަށް ހައްލު ގެނައުމަށް މަޝްރޫއު ހިންގާފައިވާކަމަށެވެ. މީގެއިތުރުން މިސްކިތްތަކާއި ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑުގެ އިތުރުން އެކި ރަށްރަށުގެ ކަރަންޓް މައްސަލަ ހައްލު ކޮށްދެއްވުމަށް 300 އަށްވުރެ ގިނަ ޖަނަރޭޓަރު ރަށްރަށަށް ފޮނުވާފައިވާ ކަމަށެވެ.

"ކޮންކަމެއްތޯ ނުވަނީ، ނުނިމެނީ؟ މެމްބަރުން ބޭނުންވަނީ ދާގޮތަށް ގޮސް މަގުމަތިވާންތޯ، ނުވަތަ ކުރިއަށްދާންތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މިއީ އެމްޑީޕީ ޖެހިގެން ދެވަނަ ދައުރަކަށް ހޮވެން ލިބޭ ފުރަތަމަ ފުރުސަތުކަމަށެވެ. އަދި މި ޕްރައިމަރީ ތަފާތު ބޮޑުކޮށް ކާމިޔާބުކުރައްވާނެކަމަށާއި އެކަމާއިމެދު ޝައްކެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 16000 ވުރެ ގިނަ ފްލެޓާއި ރޯހައުސް ބިނާކުރަމުންދާކަމަށެވެ. އަދި މާލެ ސަރަހައްދުގައި އޮތް ތޮއްޖެހުން ހައްލުކޮށް، "ހަމަ ނޭވާލެވޭނެ" ހުރިހާ ކަމެއް އެމަނިކުފާނު ކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަށް ހުއްޓި ތިބެވޭކަށް ނެތްކަމަށާއި، އެމްޑީޕީ ދާނީ ކުރިއަށްކަމަށެވެ. އަދި އަތޮޅު ތެރެއަށް ގެންނަ ތަރައްގީ ވަށާޖެހި، އޭގެ ފަސޭހަ މާލެއަށް ލިބި، ހަމަޖެހޭ ދިރިއުޅުމެއް މުޅި ރާއްޖެއަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު