އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަނެއް ހައްދަވާފާނެކަމުގެ ބިރު އެބައޮތްކަމަށް ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއާރޕަސަން މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ މިހާރަކަށް އައިސް ރައީސް ޔާމީނަށް ތާއީދުކޮށް ރައީސް ނަޝީދު ވަރަށް ގިނައިން ވާހަކަފުޅު ދައްކަވަމުންދާ ކަމަށެވެ. އެގޮތުން އިންޑިއާ އައުޓް ނޫން ރައީސް ޔާމީންގެ ހުރިހާ ސިޔާސަތަކަށް ތާއީދުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވަމުންގެންދަވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވުމުން ރައީސް ނަޝީދު ގެންދަވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ހުދު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ވާހަކަތައްވެސް މާރިޔާ ހަނދާން އާ ކުރެއްވިއެވެ.

"އަޅުގަނޑަށް މިއަދު އެންމެ ބިރު ހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ރައީސް ޔާމީނާއެކު ކޯލިޝަނެއް ހަދާފާނެތީ.

އަޅުގަނޑުމެން އެންމެ ލޯބިވާ ރައީސް ނަޝީދު މިއަދު ނިކުމެ ވަޑައިގެން ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ ހިތަށް އުނދަގޫވޭ. އެމަނިކުފާނު ޖަޒުބާތުގައި ޖެހިގެންވެސް އެމަނިކުފާނު އެވަރުގެ ކަމެއް ކުރިޔަ ދީގެން ނުވާނެ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މިހާތަނަށް އެމްޑީޕީގެ ފިކުރު އެންމެ ބޮޑަށް ކުރިއަރުވައި ދިރުވީ ރައީސް ސާލިހުކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެމްޑީޕީއަށް ކުރިއެރުންތައް ލިބެން އޮތީ ރައީސް ސާލިހާއާއެކުކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު