ދައުލަތުގެ ބަޖެޓުން ބަދަލުދީ ބަޖެޓު ހުސްކުރަމުންދާ ކަމަށްބުނެ އާންމު ރައްޔިތުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވި މައްސަލަ ތަކުގެ ތެރެއިން ދީބާޖާއަށް ބަދަލު ދިނުމާބެހޭ މައްސަލަ ރިވިއު ކުރުމަށް ސްޕްރީމް ކޯޓަށް ހުށައެޅުމުގެ ހުއްދަ ދީފިއެވެ.

މިހާރު މައްސަލަތައް ކޯޓަށް ބަލައިގަނެވޭނީ މައްސަލަ ކޯޓަށް ބަލައިގަތުމަށް ރެޖިސްޓްރާ ހުއްދެއްވުމުން ކަމަށްވާއިރު ދީބާޖާ މައްސަލަ އަލުން ރިވިއުކުރަން ހުށައެޅުމަށް މިހާރު ހުއްދަ ދީފައިވާ ކަމުގައި ދައުލަތުން މިއަދު ބުނެފައި ވެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް 2010 ގައި ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރީމެންޓް ބާޠިލު ކުރީ 2013 ވަނަ އަހަރުގައެވެ. އޭރު ސަރުކާރުން އެގްރީމެންޓް ބާޠިލު ކުރީ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީއެވެ.

ދީބާޖާއަށް ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ނިންމީ ދަށުކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުންވެސް ދަމަހައްޓާފައިވާތީ ކަމަށް ސަރުކާރުން ބުނެއެވެ. މިމައްސަލައިގައި އާންމު ރައްޔިތުން އިނގިލި ދިއްކުރަމުންދާ މި ސަރުކާރުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިއްފަތު ކުރިން ވިދާޅުވެފައިވަނީ ދީބާޖާ މައްސަލަ ރިވިއުކުރަން ހުށައަޅާނެ ސަބަބެއް ނެތް ކަމަށެވެ.

ދީބާޖާގެ މައްސަލަ ރިވިއުކުރަން ބަންޑާރަ ނާއިބު ހުށައެޅުއްވިއިރު ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްގެން 174 މިލިއަން ރުފިޔާއަށް ބަދަލުގެ ފައިސާ ކުޑަކޮށް އެފައިދާ ދޭންވެސް މީގެ ކުރިން ނިންމިއެވެ. ދީބާޖާ މައްސަލައަކީ ޝަރުޢީ މަރުޙަލާގެ ހުރިހާ ކޯޓެއްގައި އެކި ފަހަރު އެކި ގޮތަށް ނިންމައި ހުކުމަށް ބަދަލުތައް ގެނަސްފައިވާ މައްސަލައެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

ދީބާޖާއަށް ފައިސާ ދޭން ބަންޑާރަ ނާއިބު މުޅިން ނިންމާ އެނޫން ގޮތެއް ނެތްކަމުގައި ވިދާޅުވަމުން ދިޔައިރު މިސަރުކާރުން ހުސްވި އަހަރުގެ ބަޖެޓުން ވެސް ބޮޑެތި އަދަދު ތަކުން މިފަދަ ބަދަލުތައް ދީފައިވާތީ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ވަރަށް ބޮޑެތި ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން