ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޯޕީޑީ ޢިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން އޯޕީޑީ ޢިމާރާތް މަސައްކަތް ނިންމާލާފައިވާއިރު، އެމްޓިސީސީން ބުނީ އެ އިމާރާތް ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ހަވާކުކޮށްފައިވާކަމަށެވެ.

އޯޕީޑީ އިމާރާތް ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ރަސްމީކޮށް ހަވާލުކޮށްދެއްވީ އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމެވެ.



އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް މުޅިން އައު ހަރުފަތަކަށް ގެންގޮސް ދެއްވުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަރާމާތުގެ މަސައްކަތްތަކަކީ އޭގެތެރެއިން މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި، އައިސީޔޫ ޔުނިޓް އެޅުމާއި ލެބޯރެޓަރީ އިމާރާތް އެޅުން ހިމެނެއެވެ.

ހޮސްޕިޓަލްގެ އޯ.ޕީ.ޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ޚާއްޞަ 21 ރޫމަކާއި، ޓްރީޓްމެންޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހިމެނޭނެއެވެ.

މި މަޝްރޫޢަކީ ދައުލަތުން 30.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ބިޔަ މަޝްރޫޢެކެވެ.

ރާއްޖޭގެ އުތުރުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުންތަކަކީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުމުގެ ތަސައްލީއެއް ގެނެސްދޭނެ ކުރިއެރުންތަކެއްކަން ސަރުކާރުން ވަނީ ފާހަގޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު