އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ނުދީ ސަރުކާރުން ކުރަންޖެހޭ އެހެން އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ލ. އަތޮޅަށް ވަޑައިގެން ކައްދޫ އެއާޕޯޓްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަސާސީ ޚިދުމަތްތައް ނުދީ ވެރިިކަމުގައި ހުންނަ ބޭފުޅަކު ކުރަންޖެހޭ އެހެން އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް އުޅެވޭނީ އެމީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަށް ފޯރުކޮށްދެވިގެން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންނަށް ސާފު ބޯފެނާއި ކަރަންޓާ ފާޚާނާ ކުރެވޭނެ ގޮތް ހޯދައިދޭންޖެހޭ ކަމަށާއި ލަފާ ފުރުމުގެ ދަތިކަން އެއްގަމާއި ކަނޑާއި ވައިގެ މަގުން ހައްލު ކުރަންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ މި ތަރައްގީ ގެންނަން، އެއްވެސް ރައްޔިތަކު ބާކީނުކޮށް އެމީހަކު ހުރިތަނެއް ހުރި ރަށެއް އެއީ މައްސަލައެއް ކަމަށް ނުބަލައި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީން ވެރިކަމުގައި ހުންނަ މީހެއްގެ މައްޗަށް ލާޒިމްކޮށްފައި އޮތްކަމެއް. އެކަން ނުކޮށް ކުރާނެ އެހެންކަމެއް ނޯންނާނެ ވެރިކަމުގައި ހުންނަ މީހަކު. އެހެންވެ އަޅުގަނޑު އިސްކަންދިނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ކުދި ރަށްރަށުގައި ތިބި ރައްޔިތުންނަަށް އަސާސީ ޚިދުމަތްތައް ދޭން ފެށުމުން އެއީ ބޭކާރު، އަދި ބޭނުން ހުރި ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށެވެ. ރައީސް ވިދާޅުވީ އެކަމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރަށްވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް ރައީސް ކަމަށް ވަޑައިގެންނެވުނީ ރައްޔިތުންގެ ވޯޓުން މުޅި ރާއްޖޭގެ އަޣުލަބިއްޔަތުން ކަމަށާއި އެމަނިކުފާނު ޚިދުމަތް ދިނުމުގައި އެއްވެސް މީހަކު ބާކީ ނުކުރެވޭނެ ކަމަށާއި ހަމަހަމަ ކަމާއެކު އެކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެކަން ކުރަށްވާނީ އެގޮތަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުުން ރައީސް ސާލިޙު ވިދާޅުވީ މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުން ހައްލު ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަކިކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތް ރައްޔިތުންނަށް ގާތުން ލިބި ދަރިންނަށް ތައުލީމް ފޯރުކޮށްދީ ފަސޭހައިން ދިރިއުޅެވޭނެ ގޮތް ހޯދައިދޭންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"މިއީ އެރަށްރަށަށް ގެނެވޭ ތަރައްގީ އާއި އެކުގައި މާލެއަށް ލުޔެއް ލިބެން އޮތް ގޮތް. އެހެންވެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތަކާއި ސުކޫލްތައް ތަރައްގީކޮށް މި ހަދަނީ. ދަތުރުފަތުރުގެ ނިޒާމް މި ތަރައްގީކުރަނީ އެހެންވެގެން. އެގޮތުން ލ.އަތޮޅުގައި ޓާޝަރީ ހޮސްޕިޓަލެެއް ގާއިމް ކުރުމަކީ އަޅުގަނޑުމެން ނިންމާފައި އޮތްކަމެއް. އިރާދަކުރެއްވިޔާ ޓާޝަރީ ހޮސްޕިޓަލް އެޅިގެންދާއިރު ކެންސަރ ހޮސްޕިޓަލެެއް ތަރައްގީ ކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު