މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ތަފާތު ބޮޑުކޮށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޕާޓީގެ ރައީސާއި ޕާޓީގެ އިސް ލީޑަރު ވާދަކުރައްވާ މި އިންތިހާބަކީ މިހާތަނަށް އެތެރޭގެ އިންތިހާބެއް އެންމެ ވާދަވެރިކޮށް ދާނެ ފަހަރުކަމަށް ގިނަބަޔަކު ބުނެއެވެ. އެ ވާދަވެރިކަމުގައި ދެ ފަރާތުންވެސް ފޯރި ގަދަ ގިނަބަޔަކު ބައިވެރިވާ ޖަލްސާތަކެއް އަންނަނީ ބާއްވަމުންނެވެ.

އެގޮތުން ޕްރައިމަރީގެ ކެމްޕޭންގައި މިރޭ ކައްދޫއަށް ވަޑައިގެން ރައީސް ޞާލިޙް ބޭއްވެވި ކެމްޕޭން ރެލީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުރިއަށް އޮތީ ދެ މަގެއް ކަމަށެވެ. އެއީ އަނިޔާވެރިކަމުގެ މަގާއި ތަރައްގީގެ މަގު ކަމަށާއި އެކަމަކީ ޕްރައިމަރީގައި ވޯޓު ދޭއިރު ވިސްނަންޖެހޭ ކަމެއްކަމަށެވެ.

އަދި 2013 އިން 2018 އާއި ދެމެދު އޮތް އަނިޔާވެރިކަން އަލުން އަނބުރާ އިއާދަވާން އެކަކުވެސް ބޭނުން ނުވާނެކަމަށާއި ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ އެމްޑީޕީ މަގުމަތިވާން ނޭދޭތީ ކަމަށާއި އަދި ރައްޔިތުން އަނިޔާވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ތަފާތު ބޮޑުކޮށް ކަމަށާއި އަދި ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކޮށްދެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވަކި އަތަކަށް ނުޖެހި ތިބި މީހުންގެ ވޯޓު ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް މުހިންމު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު