އަހުމަދު މަސްނޫމް   19 ޖެނުއަރީ 2023 - 22:1
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ލ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ލ. އަތޮޅަށް ވަޑައިގެންނެވީ ކެމްޕެއިންގައި އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިއްމާލެއްވުމަަށްފަހުއެވެ. ލ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިރޭ ވަނީ ކައްދޫއަށް ވަޑައިގެންފައެވެ.

ރައީސް ކައްދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ. ކައްދޫއިން ރައީސަށް މަރުހަބާ ވިދާޅުވީ އެ ދާއިރާގެ މެމްބަރު މޫސާ ސިރާޖެެވެ.



ސިރާޖް މިރޭ ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙަށް ތާއިދު ކުރަށްވަން ނިންމެވިކަން އިއުލާންކުރަށްވާފައެެވެ. ސިރާޖް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމުކަމަށެވެ. އަދި އެހެންއެކަން އޮތުމުން ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދު ކުރަށްވަން ނިންމަވާފައިވާ ކަމަށް ސިރާޖު ވިދާޅުވިއެެވެ.

ރައީސް ލ. އަތޮޅަށް ކުރަށްވާ މި ދަތުރުފުޅުގައި މާދަމާ އިސްދޫ އަދި މާވަށުގެ އެމްޑީޕީގެ އާންމު މެމްބަރުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕްރައިމަރީ ކެމްޕެއިނަށް ރައީސް އުތުރުގެ ރަށްތަކަށް ދަތުރުފުޅު ފެއްޓެވީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ރައީސް ވަނީ މި ދަތުރުފުޅުގައި ހއ. އަތޮޅާއި، ހދ.އަތޮޅުގެ އިތުރުން ށ.އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕޭން ޖަލްސާތައް ބާއްވަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަކުރަށްވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކެމްޕެއިންގައި ނަޝީދު މިވަގުތު ހުންނެވީ ގދ.ތިނަދޫގައެވެ.



ކިޔުންތެރިންގެ ހިޔާލު