ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކުރި ކުޑަގިރި ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދަތުރު ދިޔުމަށް ސަރުކާރުން ވަނީ މާލެ ކައިރިން ރަށެއް 2019 ވަނަ އަހަރު ހަމަޖައްސާފައެވެ.

އެޗްޑީސީން މިއަދު ބުނީ އެ ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާ ރަށް އާންމުންނަށް ހުޅުވާލުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކުޑަގިރީގައި އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް ލިބިގެންދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.



އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ކުޑަގިރީގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކި ކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދެވޭނެ ކަމަށެވެ. މީގެއިތުރުން ޑައިވިން އަދި ވޯޓަރސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް އެ ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ހަމަޖައްސައިފައިވާއިރު އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފަ އެވެ. ކުޑަގިރީގައި ޤާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރ ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެޑްމިން ބިލްޑިންގ އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް މި ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާއިރު ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ވިއްކުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މާލެއިންނާއި ހުޅުމާލެއިން ފުރައިގެން 15 މިނެޓުން ކުޑަގިރިއަށް ދެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެެވެ.



ކިޔުންތެރިންގެ ހިޔާލު