ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށްވުރެ ބޮޑަށް ވައުދު ފުއްދި ސަރުކާރެއް އަދި ރައްޔިތުން ނުދެކޭ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޓީމުގެ ފަރާތުން މިއަދު މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވީ، ރައީސް ސާލިޙުގެ ސަރުކާރަށް ޚުޝާމަދުކޮށް ސަނާކިޔަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރަށްވުރެ ބޮޑަށް ރައްޔިތުންނަށް ވެފަައިވާ ވައުދުތައް ފުއްދި ސަރުކާރެއް ނެތް ކަމަށް ރިޒާ ވިދާޅުވިއެވެ.

"ހުޝާމަދުވެސް ކުރަންވީ، ސަނާވެސް ކިޔަންވީ، ރައްޔިތުން ބޭނުންވާ އުއްމީދުތައް ހާސިލްކުރަން ވޯޓް ވެސް ލާންވީ. އަޅުގަނޑު ދަންނަވާނީ 2 ނަމްބަރު ކެންޑިޑޭޓް (ރައީސް ސާލިޙު) އަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ރަނެއް މަލެކޭ، ތިބޭފުޅުން މި ފުރުސަތު ދޫކޮށް ނުލައްވައްޗޭ އެމްޑީޕީގެ މެމްބަރުން ބުއްދި އިސްކުރައްވާށޭ! ތިބޭފުޅުން ވިސްނުން ފުން ކުރަށްވާށޭ، ވިސްނުން ފުންކުރަންޖެހޭ،" އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން ރިޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޒާ ވަނީ މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި މެމްބަރުން ކަތި ފިޔަވަޅެއް ނޭޅުމަށް އެޕާޓީގެ މެމްބަރުންނަށް ގޮވާލައްވާފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙަށް ވޯޓް ދެެއްވުމަށް ރިޒާ ވަނީ އެދިވަޑައިގެންފައެވެ.

ރިޒާ ވިދާޅުވީ ރައީސް ސާލިޙަކީ ވިސްނުންތެރިކަމާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ގެންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސާލިޙަކީ އެމްޑީޕީގެ މެމްބަރުން ކަނޑު މެދަށް ދޫކޮށްލައްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި އެ ޔަގީންކަން އެބައޮތް ކަމަށް ރިޒާ ވިދާޅުވިއެވެ.

"ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ދުނިޔެ ބިކަ ޖެހުނު ވަގުތުގައި ގިނިކަންޏާވެސް ދޫ ނުކުރަށްވާ ނިދިން މަހުރޫމްވެގެން އެ ކުރި މަސައްކަތް އެއީ އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ހަނދާނުން ދުވަހަކުވެސް ފިލުވާލައިގެން ވާނެ ކަމެއް ނޫނޭ، އެކަމުން ވެސް ސާފުވާ ހަގީގަތަކީ ކަނޑު މެދަށް ގިނިކަންޏާއި ދޫކޮށްލައްވާފައި ވަޑައިނުގަންނަވާނެ ރައީސެއްކަން ރައީސް ސާލިހަކީ،" ރިޒާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު