މާލެ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި އެމްޓީސީސީން ވިލިމާލެއަށް މިނީ ބަސްތަކެއް އެރުވުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެމްޓީސީސީން ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދިޔައިރުވެސް ސިޓީ ކައުންސިލުން ދިޔައީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރަނީ ކައުންސިލުން ބަގީގެ ހިދުމަތް ދޭން ތައްޔާރުވެފައި ވަނިކޮށް އެމްޓިސީސީން މިނީ ބަހުގެ ހިދުމަތް ވިލިމާލޭގައި ފަށާތީއެވެ.

އެމްޓީސީސީން ރޭ ވަނީ ވިލިމާލެއަށް މިނީ ބަސްތަކެއް އަރުވާފައެވެ.



މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްގެ ހުއްދައެއް ހޯދުމަކާ ނުލާ ގަވާއިދާ ޚިލާފަށް، ވަގަށް، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާކަމަށެވެ. އަދި އެކަން ޕޮލިހާއި އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

"ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ޤާނޫނުތައް މުގުރާލުން އިންތިހާގައި." މުއިއްޒު ވިދާޅުވިއެވެ.

އެމްޓީސީސީން ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ތައްޔާރުވެފައިވާކަން ވަނީ ކުރިން އިއުލާންކޮށްފައިެވެ. އަދި އެކަމަށް ބޭނުންވާ ބަސްތައް ގެނެސް، ހުކުރުދުވަހު އެ ހިދުމަތް ފަށާނެ ވާހަކަވެސް އޮތީ އެމްޓިސީސީން އިއުލާންކޮށްފައެވެ.

މި ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުގެ ސިޔާސަތުގެ ދަށުން ގާއިމް ކުރާ ރާއްޖޭގެ ޓްރާންސްޕޯޓް ލިންކް ނުވަތަ އާރްޓީއެލް ގެ ޚިދުމަތް މާލެ ސަރަހައްދާއި އަދި އަތޮޅުތަކުގައި ދޭން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ވިލިމާލެ އަކީ ގްރޭޓަރ މާލެ ނުވަތަ މާލެ ސަރަހައްދުގައި ހިމެނޭ އަވަށެކެވެ. މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލޭގައި ވެސް އެޚިދުމަތް ދެނީ އެމްޓީސީސީންނެވެ. މީގެއިތުރުން ވިލިމާލެއަށް ފެރީގެ ހިދުމަތް ދެނީ ވެސް އެމްޓީސީސީން ނެވެ.



ކިޔުންތެރިންގެ ހިޔާލު