ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއެއް ޤާއިމުކުރުމަށާއި، ގއ.ގެމަނަފުށީގައި އައިސްޕްލާންޓެއް ޤާއިމުރުމުގެ މަޝްރޫއު ރައިނެކް އިންޑިއާ ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އިފްތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރޭގައެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އިސްމާޢީލް ފައުޒީއެވެ. އަދި ރައިނެކް އިންޑިއާ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޕީ ސުކުމަރަންއެވެ.

ގާތްގަނޑަކަށް 23 މިލިއަން ޑޮލަރުގެ މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.



މިމަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަރ ސިސްޓަމެއްވެސް ޤާއިމުކުރެވޭނެއެވެ. އަދި ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރެވޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރާގޮތުގައި މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިންގ ކެޕޭސިޓީ އެތައް ތަނެއް އިތުރުވެގެންދާނެއެވެ. އަދި މަސްވެރިން ބާނާ މަސް ކިރުމުގައި ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ދަތިތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ވަސީލަތްތައް ޤާއިމްކުރެވޭނީ ސަރުކާރުން އެކަމަށް ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދެއްގައެވެ. މިބިމާއެކު މުޅިން އަލަށް އެކްސްޕޯޓް ޖެޓީއަކާއި، މަސްކިރާ ޖެޓީއެއްގެ އިތުރުން ފެލިވަރުގެ ޢާއްމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.

މި މަސައްކަތްތަކުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

މިމަޝްރޫޢުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއްވެސް ފެލިވަރުގައި ޤާއިމުކުރެވިގެންދާނެއެވެ. މިފްކޯއިން ގަންނަމަހުގެ ބޮޑުބައެއް ވެލިޔު އެޑްކޮށްގެން އެކްސްޕޯޓްކުރުމުގެ ފުރުސަތު މިމަޝްރޫޢުގެ ސަބަބުން ހުޅުވިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު